ކަރަންޓީން އާރޓް ޕޯސްޓިންގް، ކުރިން ފެނިފައި ނުވާ އެތައް ހުނަރެއް އެއްތަނަކުން

ކަރަންޓީން އާރޓް ޕޯސްޓިންގް ގުރޫޕަކީ ފޭސްބުކްގައި މިހާރު އެންމެ ވައިގައި ހިފާފައިވާ އެއް ގުރޫޕެވެ. އެތަކެއް ހުނަރުވެރި ފަންނާނުންގެ އެކި މަސައްކަތްތައް މި ގުރޫޕުން ފެނިގެންދާއިރު، ދުވަހަކު އަދި ރާއްޖެއިން ނުފެންނަ ފަންނުތައް ވެސް މި ގުރޫޕް މެދުވެރިކޮށް އަޅުގަނޑުމެންނާ ހަމައަށް ގެނެސް ދީފިއެވެ.
ކުރިން ފެނިފައިނުވާ އެތަކެއް ކުރެހުންތެރިންނާއި، ލަވަކިޔުންތެރިންނާއި، ޅެންވެރިންނާއި، މޭކަޕް އާރޓިސްޓުންނާއި، ލިޔުންތެރިންނާއި ފޮޓޯގްރާފަރުންނާއި ވީޑިޔޯ އެޑިޓަރުން އަދި މި ނޫނަސް އެހެން ދާއިރާތަކުގެ ފަންނާނުން މި ގުރޫޕުން ފެނުނެވެ. އަދި ދިވެހިރާއްޖޭގައި ވެސް ހުނަރުވެރި އެތައް ބަޔަކު އުޅެމުންދާކަން މި ގުރޫޕުގައިވާ ޕޯސްޓުތަކަށް ބަލާލުމުން އެނގިގެންދެއެވެ.
މި ގުރޫޕު ހެދުމުގައި އެންމެ އިސްކޮށް އުޅުނު އެއް ފަރާތް ކަމުގައިވާ އިބްރާހިމް ޒަޔާން ހުސައިން ދެން އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، ރާއްޖޭގައި ފަންނާނުންގެ ހުނަރުތައް ދައްކާލާނެ މާ ގިނަ ފުރުސަތުތަކެއް ނެތް ކަމަށެވެ. އަދި މި ގުރޫޕަކީ އެ ފުރުސަތު ދިވެހިރާއްޖޭގެ ހުނަރުން ފުރިފައިވާ އެތައް ފަރާތްތަކަށް ފަހިކޮށްދިނުމުގެ ގޮތުން ހެދި ގުރޫޕެއް ކަމަށާއި މި ގުރޫޕަށް މިހާ ބޮޑު ތަރުހީބެއް ލިބުމުން ވަރަށް އުފާ ކުރާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމައު އަކީ މިފަދަ ހުނަރުވެރި ފަންނާނުންގެ ފަންނުތައް ބަލައިގަންނަ މުޖުތަމައު އަކަށް ހެދުމަށް ބޭނުންވާ ކަމަށް ވެސް ޒަޔާން ބުންޏެވެ.
މި ގުރޫޕުގެ އެކި ޕޯސްޓް ތަކަށް އަޅުގަނޑުވެސް ބަލާލީމެވެ. ފާހަގަ ކުރެވުނު އެއް ކަމަކީ، ކުރިން އަމިއްލަ މަސައްކަތްތައް މީސް މީޑިޔާގައި ދައްކާލަން ބޭނުންވި ނަމަވެސް އެކަމާ ޖެހިލުންވެފައި އެތައް ބަޔަކު ތިބިކަމެވެ. އަދި މި ގުރޫޕްގެ ސަބަބުން އެ ފަރާތްތަކަށް ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިފައިވާކަން ފާހަގަ ކުރެވުނެވެ. އަދި އެ ފަންނާނުންގެ މަސައްކަތްތައް މިހާރު ގިނަބަޔަކު ބަލައިގަންނަކަންވެސް ފާހަގަ ކުރެވުނެވެ.
ދެން އެމްވީ އަށް މައުލޫމާތު ދެމުން ޒަޔާން އިތުރަށް ބުނީ މި ގުރޫޕުގެ ސަބަބުން އެކިއެކި ފަންނުތަކަށް މީހުންގެ ހިތުގައި ލޯބި އުފެދުމަކީ އޭނާ ކުރާ އުއްމީދެއް ކަމުގައެވެ. އަދި އެ މަންޒަރު މިހާރުވެސް ފެންނަމުން ދާ ކަމަށާއި އެކަމާ މެދު ވަރަށް އުފާ ކުރާ ކަމަށް ވެސް ޒަޔާން ބުންޏެވެ.
މި ގުރޫޕްގެ ސަބަބުން އެކި ފަންނުތަކުގެ ފަންނާނުންނަށް އެކުގައި މަސައްކަތް ކުރުމަށް ދޮރެއް ހުޅުވިގެން ގޮސްފި ކަމަށާއި، އަދި އެކަމުގެ ސަބަބުން އެ ފަންނާނުންގެ ހުނަރު ކުރިއެރުވުމަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ވެސް ޒަޔާން ފާހަގަ ކުރިއެވެ. އަދި މި ގުރޫޕްގައި އެމީހެއްގެ ހުނަރު ދައްކާލުމަށް ޖެހިލުން ނުވުމަށާއި މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އެދޭ އެދުމެއް ކަމަށް ޒަޔާން ބުންޏެވެ.
ކޮންމެއަކަސް ލޮކްޑައުންގައި މި ހޭދަވި ދުވަސްވަރުގައި ކުރިން ނުފެންނަ އެތައް ހުނަރުވެރި މޫނުތަކެއް މި ގުރޫޕް މެދުވެރިކޮށް ފެނިއްޖެއެވެ. ދިވެހިރާއްޖޭގެ މި ކުޑަ މުޖުތަމައު ތެރޭގައިވެސް ހުނަރުން ފުރިފައިވާ އެތަކެއް ބަޔަކު އުޅޭކަން މި ގުރޫޕަށް ވަދެ ބަލާލުމުން އެނގިގެންދާނެއެވެ. އުއްމީދަކީ މި ގުރޫޕުން ފެންނަމުން މިދާ ފަންނާނުންނަށް އިތުރަށް ހުނަރު ކުރިއެރުވުމަށް ފުރުސަތުތަކެއް ލިބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ