އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް ގާސިމް އިބްރާހިމަށް މަލާމާތް ކުރަނީ!

ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބުރާހިމް އަށް މީޑިއާގެ ކުރިމަތީގައި އާއި އެތައް އާންމުންނެއްގެ ކުރިމަތީގައި މަލާމާތް ކޮށްފި އެވެ.
ޝިފާޒް ގާސިމް އަށް މަލާމާތް ކޮށްފައި ވަނީ އިއްޔެ ރޭ އެމްޑީޕީ އާއި ޖޭޕީ އިން ސީގަލް ކައިރީގައި ބޭއްވި މުޒާހަރާ ގައެވެ. އެމުޒާހަރާ ގައި ގާސިމް ވާހަކަ ދައްކަވަމުން ދިޔަ ވަގުތު ޝިފާޒް ވަނީ މާލޭ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު އަރިހު "ބަލާބަލަ އޭނާ (ގާސިމް) ހެދިފައި ހުރި ވަރެއް" މިހެން ވިދާޅުވެފައެވެ. ޝިފާޒް މިހެން ވިދާޅުވި އަޑު އެސަރަހައްދުގައި ތިބި ނޫސްވެރިންނަށާއި ބައެއް އާންމުންނަށް ވެސް އިވުނެވެ.
ޝިފާޒްގެ އިތުރުން އެސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ ގާސިމް ވާހަކަ ދައްކަވަމުން ގެންދެވި ވަގުތު ގާސިމް އަށް މަލާމާތް ކޮށް ހީ ހަދާފައެވެ.
ޝިފާޒްގެ ހަރަކާތްތައް ގާތުން ފެނުނު ޖޭޕީގެ މެންބަރަކު ބުނީ ގާސިމް ވާހަކަދައްކަވަން ފެށުމުން ގާސިމް އަށް ހިތްވަރު ދެއްވަނީ ކަމަށް ހައްދަވާ ޝިފާޒް ގާސިމްގެ އަތުގައި ވެސް ހިތްޕަވާ ކަމަށާއި ނަމަވެސް ޝިފާޒް ގެންދެވީ ގާސިމް ދައްކަވާ ވާހަކަތަކަށް މަލާމާތް ކުރުމުގެ ގޮތުން ހެމުން ކަމަށެވެ.
ގާސިމް ވާހަކަދައްކަވަމުން ގޮސް މުޒާހަރާ ކުރާ މީހުންނާއި ދިމާލަށް އެނބުރުމުން ޝިފާޒް ވަނީ ގާސިމް އަށް ގޮވާ ކެމެރާތަކަށް ކުރިމަތިލައިގެން ވާހަކަ ދެއްކެވުމަށް ވެސް ވިދާޅުވެފައެވެ.
މުޒާހަރާގައި ބައިވެރިވި ޖޭޕީގެ އެހެން މެންބަރަކު ބުނީ ޝިފާޒްގެ ހަރަކާތްތައް ފެނުނީ ވަރަށް ދަށު ދަރަޖައިގައި ކަމަށާއި ޖޭޕީ އިން ޝިފާޒްގެ އަމަލުތައް ކުށްވެރިކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ."
ގާސިމް އަކީ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެތައް ބައެއްގެ ކުރިމަތީގައި ކެމެރާއަށް ބަލާށޭ ގާސިމް ކައިރީގައި ބުނެ ގާސިމް ލަދުގަންނަވާލުމަކީ ޝިފާޒް ކޮށްގެން ވާނެ ކަމެއް ނޫން. އެއިން އެނގެނީ ޝިފާޒް އަކީ މީހުންނަށް އިހްތިރާމް ކުރުމުގެ ސިފަ ނެތް ބޭފުޅެއްކަން." ޖޭޕީގެ މެންބަރު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ