"އޯޓިޒަމް ސްކޫލް ކުދިންނަށްޓަކައި އެއް ރުފިޔާ" ނަމުގައި ކެމްޕެއިން ފަށައިފި

"އޯޓިޒަމް ސުކޫލް ކުދިންނަށްޓަކައި 1 ރުފިޔާ" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް އޯޓިޒަމް އެސޯސިއޭޝަނުން ފަށައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގްވާމީ އޯޓިޒަމް ދުވަހާ ގުޅިގެން މީހުން އޯޓިޒަމަށް ހޭލުންތެރިކުރުމަށްޓަކައި މި ދުވަހުގެ ހަރަކާތްތައް ފެށުމަށް ކުޑަކުދިންް ޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކެމްޕޭން ފައްޓަވައިދެއްވީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އޯޓިޒަމް އަދި އޯޓިސްޓިކް ކުއްޖެއްކަން އެނގެނީ ދިވެހިންގެ ތެރެއިން ނިސްބަތުން މަދު ބަޔަކަށް ކަމަށާއި އެ ކެމްޕޭންގެ ސަބަބުން ގިނަބަޔަކަށް އޯޓިޒަމްއާ ބެހޭގޮތުން ގިނަ މަޢުލޫމާތުތަކެއް ލިބި އިތުރު ހޭލުންތެރިކަމެއް ލިބިގެންދާ ކަމަށެވެ. އޯޓިސްޓިކް ކުދިންނަކީވެސް އެހެންކުދިންނެކޭ އެއްފަދައިން ތައުލީމުގެ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތަކާއި ތަފާތު އެކި ދާއިރާތަކުގައި ހަމަހަމަ ފުރުސަތުތަކެއް ލިބެންޖެހޭ ކުދިންނަށް ހަދަން އެބަ ޖެހޭ ކަމަށާއި އަދި އެކަން ކުރެވެން އޮތީ އޯޓިޒަމްއާއި ބެހޭގޮތުން އާންމު ފަރާތްތަކުގެ ހޭލުންތެރިކަންވެސް އިތުރު ކުރެވިގެން ކަމަށް ބައްސާމް ވިދާޅުވިއެވެ.
އޯޓިޒަމް އާއި ބެހޭ އެކި މައުލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް މި ހަރަކާތުގެ ޒަރީއާއިން ފޯރުކޮށްދިނުމުގެ މައިގަނޑު މަގުސަދުގައި ކުރިއަށްގެންދާ މި ކެމްޕެއިންގައި ކޮންމެ ބޭފުޅަކު ވެސް އެއްރުފިޔާ ދިނީމަ އެނގޭނެ ކިތައް މީހުންނަށް ނުވަތަ ގެއެއްކަން އެ މެސެޖް ފޯރުކޮށްދެވިއްޖެކަން އެނގޭނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި ނިސްބަތަށް ބަލައި އެކުދިންނަށް ދޭންޖެހޭ އަޅައިލުމާއި ތައުލީމު ދިނުމަށް މަސައްކަތްކުރާ މީހުން މަދުކަމަށާއި، ނުކުޅެދުންތެރިކަމެއް ހުއްޓަސް އެފަދަކުދިންނަކީ މުޖުތަމައު ބަލައިގަނެވޭ ފަދަ ކުދިން ތަކަކަށް ހެދިދާނެ ކަމަށާއި މިކަމަށް ހުރިހާ މީހުންވެސް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޑިސްއެބިލިޓީ އެމްބެސެޑަރު، އަދި ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ފައިސަލް ނަސީމް ވިދާޅުވިއެވެ.
"ބަދަލަކަށް އުންމީދު ކުރާއިރު، އަމިއްލަޔަށް ލިބިފައިވާ ރީތި އެއްޗިއްސާއި ތަކެތީގެ އުފަލުގައި ދުވަސްތައް ނަގާާލުމުގެ ބަދަލުގައި އެ ނިއުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެހެންމީހުންނަށް ދިމާވާ ދަތި ކަންތައްތައް ހައްލުކޮށްދިނުމަކީ އުފަލެއް ކަމުގައި އަޅުގަނޑުމެން ދެކެން ޖެހޭ" ފައިސަލް ވިދާޅުވެފައިވެއެވެ.
 ސިންފަނީގެ ހެޔޮއެދުންތަކާއެކު އޯޓިޒަމް ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން އޯޓިޒަމް އެސޯސިއޭޝަނުން މިއަދު ހެނދުނު ވަނީ އެ އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކުދިންނާއި އެކުދިންގެ އާއިލާއާއެކު އޯޓިޒަމް ފެމިލީ ބްރޭކްފާސްޓެއް ކުރިއަށް ގެންގޮސްފައެވެ.
މީގެ ދިރާގުގެ ހެޔޮއެދުންތަކާއިއެކު މިއަދު މެންދުރު ވަނީ އޯޓިޒަމް އެސޯސިއޭޝަނުގައި ހަދާފައިވާ "އިންޑޯ ޕާރކް" ހުޅުވާފައެެވެ. އަދި ވޯކް ފޯ އޯޓިޒަމްގެ ނަމުގައި މިއަދު ހަވީރު ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެ އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު ސޯޝަލް ސެންޓަރު ދޮށުން ފެށޭ އެ ހިނގާލުން މިއަދު އިރުއޮށްސި ހަޔަކާއި ހަމަޔަށް ކުރިއަށް ދާނެއެވެ. އަދި ހިނގާލުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ރަށްތަކުގައާއި ރިސޯޓްތަކުގައި ކުރިއަށް ދާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
 އޯޓިޒަމް އެސޯސިއޭޝަނުން ވަނީ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ