މެމްބަރު އީސައަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަނީ

މިފެށުނު މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު އެމްޑީޕީއާއި އަދާލަތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސާއަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއަށް ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި އެބޭފުޅާއަށް އަމާޒުވަމުން އެބަ ދެއެވެ.
އިއްޔެ އީސާ މިއިންޓަވިއުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ފުލުހުން އެދުވަހުގެ މުޒާހަރާގައި އޭނާއާއި އަދި ރައްޔިތުންނާއި މެދު ކަންތައް ކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށްކަމަށެވެ.
ނަމަވެސް ފުލުހުން ވަނީ އެއްވެސް ފަރާތަކަށް އަނިޔާ ނުކުރާ ކަމަށާއި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިފައިވާނަމަ ލިބިފައިވާނީ އެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުގެ ތެރޭގައި ކަމަށް ބުނެފައެވެ.
ހޮސްޕިޓަލްގެ އެނދުގައި އޮވެ އީސާ މި އިންޓަވިއު ދެއްވަން ފެއްޓެވި އިރު އިންނެވީ ސަރވިކަލް ކޮލަރ އެއް އަޅުއްވައިގެން ނަމަވެސް އިންޓަވިއު ގެ ބައެއް ފޮޓޯތަކުގައި ކަރުގައި ސަރވިކަލް ކޮލަރ އަޅުވާފައެއް ނުވާ ކަން ފެނެއެވެ.
އިންޓަވިއުގައި އީސަ ވިދާޅުވެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އެބޭފުޅާ ގެންގޮސްފައިވަނީ އަނިޔާވެފައިވާ ފުލުހެއް ނަގައިގެން ގޮސް ފުލުހުންނާއި ހަވާލު ކުރުމަށް ފަހު އެނބުރި ވަޑައިގަންނަވަނިކޮށް އަސްރަފީ ބުކްޝޮޕް ކައިރިން ކަމަށެވެ.
ގިނަ ބަޔަކު ދަނީ މި ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއަރ ކޮށް އަދި އިންޓަވިއުގައި ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ހަޤީޤަތް ނޫންކަމުގައި ވެސް ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ