2018 ރައީސް ޔާމީނަށް ކާމިޔާބުވާކަން އެނގޭތީ އިދިކޮޅު ފަރާތްތައް ބިރުގަނޭ - އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަން އެނގޭތީ އިދިކޮޅު ފަރާތްތަކުން ތިބީ ބިރުގެންފައި ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓުވީޓެއްގައިއެވެ.
އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބިރުގަންނަނީ ރައީސް ޔާމީންގެ ސަރުކާރުން ގައުމަށް ގެންނަ ކުރިއެރުމުގެ ސަބަބުން ރައީސް ޔާމީންއަށް 2018 ގެ އިންތިހާބު ކާމިޔާބުވާނެކަން ޔަގީންވާތީ ކަމަށެވެ.
މީގެއިތުރުން އޭނާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންއަކީ ގައުމަށް ވަފާތެރި ރައްޔިތުން ދެކެ ލޯބިވާ ގާބިލްވެރިއެއްކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށާއި "އަދިވެސް ބޭނުންވަނީ ރައީސް ޔާމީން" ކަމަށެވެ.
އަބްދުއްރަހީމްގެ ޓުވީޓެއްގައި ވަނީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ތަރައްގީ ހޯދައިދޭން މަސައްކަތް ނުކުރާކަން ދޭހަވާ ގޮތަށް ފޮޓޯއެއް ހާމަކުރައްވާފައެވެ. އަދި އެ ޓުވީޓްގައި "1950 ގެންގުޅެނީ ކޮން ބައެއްތޯ؟ ސުވާލު އުފައްދަވާފައިވެއެވެ.
އަބްދުއްރަހީމް އާންމު ކުރެއްވި ފޮޓޯގައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ މަންޒަރެވެ. ގާޑިޔަލެއްގައި ސައުންޑް ސިސްޓަމް ބަހައްޓައިގެން އެ ދުއްވާ މަންޒަރު ފެންނައިރު، އެ ކަން ކުރަމުން ދަނީ އެމްޑީޕީ، ޖޭޕީގެ އިސް ފަރާތްތަކެކެވެ.
ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތުގެ ހަރުދަނާކަން ވެރިކަމާއި ހަވާލުވިތާ 3 މަސްތެރޭ އެމެރިކާ ޑޮލަރުގެ އަގަށް ގެންނެވި ހެޔޮ ބަދަލުން އެކަނިވެސް ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމުގެ ތަރައްގީއަށް މިހާތަނަށް ކޮށްފައި ހުރި ކަމެއް ވިއްޔާ ކޮށްފައި ހުރީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި ދެން ހުންނެވީ ރައީސް ޔާމީން ކަމަށާއި އެމްޑީޕީ ފެއިލް ވެފައިވާ ކަމަށް ވެސް އޭނާގެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ