ރައީސް ޔާމީނާއި ރައީސް މައުމޫން ޤައުމީ ޓީމަށް ހިތްވަރު ދެއްވައިފި

ވޯލްޑް ކަޕް ކޮލިފައިންގައި ގަތަރާ ދެކޮޅަށް މިރޭ ރާއްޖެ ނުކުންނަ މެޗުގައި ކުޅޭ ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ރައީސް، މައުމޫން އަބްދުލް ޤައްޔޫމް ހިތްވަރު ދެއްވައިފިއެވެ.
ރައީސް ޔާމީން ވަނީ ޤައުމީ ޓީމުގެ މެނޭޖަރަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރު ދެއްވާފައެވެ. އަދި ޓީމަށް ކާމިޔާބަށް ވަނީ އެދިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ސަޕޯޓަރުންވެސް ދަނޑަށް ގޮސް ޓީމަށް ހިތްވަރު ދެއްވުމަށް އެދިވަޑައިގެންފައެވެ. ރައީސް މިހާރު ރާއްޖޭގައި ވަޑައިގެން ނެތް ނަމަވެސް، ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ޤައުމީ ޓީމުގެ ޕްރެކްޓިސްއަށް ވަޑައިގެން ކުޅުންތެރިންނާ ވަނީ ބައްދަލު ކުރައްވާފައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޤައުމީ ޓީމަކީ ޤައުމުގެ ފަޚުރު ކަމަށާއި، ޓީމަށް ކާމިޔާބީ ހޯދޭނެ ކަމަށެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ގަތަރު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައި ވާއިރު، ޖަރޒީވެސް ވަނީ ހުސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ