ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމް ސިންހައާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ ސްރީލަންކާގެ ކޮޅުނބުގަ އެވެ. މި ބައްދަލުކުރެއްވުމުގައި ގާސިމް އިބްރާހީމްގެ އިތުރުން އަބްދުﷲ ރިޔާޒް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި ގުޅޭ މައުލޫމާތު ލަންކާ ސަރުކާރާއި ލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ހިއްސާކުރެއްވުމަށް އެމްޑީޕީ-ޖޭޕީ ގެ އިސް ވަފުދެއް ލަންކާއަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން ގުޅިގެން ކުރަމުންދާ މަސައްކަތުގައި އެކުލަވާލާފައިވާ އިއްތިހާދުގެ ވަފުދު ލަންކާއަށް ފުރާވަޑައިގަތްއިރު މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް، ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަނާއި، ޕާލިމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ އިތުރުން މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު އެވެ.
ލަންކާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މި ދަތުރުގެ ބޭނުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޝްވަރާކުރުން ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީއާއި ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާކޮށް، މިނިވަން މުއައްސަސާތައް ބާރުވެރިކުރުމާއި ބެހޭ ގޮތުން ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށް މަޝްވަރާކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިދަތުރާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް މި ސަރުކާރުން ކުރަމުންދާ ހުރިހާ ކަމެއްގެ މައުލޫމާތު ބައިނަލްއަގުވާމީ މުޖުތަމައަށް މިއަދު ވަރަށް ސާފުކޮށް އެނގެމުންދާ ކަމަށެވެ. އަދި
ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރާ ކަންތައް ފޮރުވުމަށް ކުރާ މަސައްކަތްވެސް މިއަދު ނާކާމިޔާބުވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ސްރީލަންކާގެ ބޮޑުވަޒީރާއި ގާސިމް ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ