ސޯލާ ކަރަންޓު ފެނަކަ ގްރިޑާއި ގުޅުން މަނާކޮށްފި

އައްޑޫ ސިޓީގެ ރައްޔިތުންނަށް ސޯލާ ޕެނަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓު ފެނަކަ ކޯޕަރޭޝަނުގެ ގްރިޑާއި ގުޅުން މަނާކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިކަން އަންގާފައިވަނީ، އައްޑޫގައި ސޯލާ ޕެނަލް ބޭނުންކުރާ ފަރާތްތަކަށް ފޮނުވި ސިޓީއެއްގައެވެ.
ފެނަކައިން މީގެ ކުރިން ބުނެފައިވަނީ، ސޯލާ ޕެނެލް ބޭނުން ކުރުމުގެ ހުއްދަ ދެވޭނީ ކޮންމެ ރަށެއްގައި ވެސް ކަރަންޓް ބޭނުންކުރާ ފުލްލޯޑުގެ ތިރީސް ޕަސެންޓް އާއި ހަމައަށް ކަމަށެވެ. އަދި އެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ، އެންމެ ފުރަތަމަ ޚިދުމަތަށް އެދި އަންނަ މީހާއަށް އިސްކަންދީގެން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
" އައްޑޫގެ ބައެއް ސްކޫލްތަކާއި އަދި އީސީސީގެ ފުރާޅުގައި އެމީހުން ސޯލާ ޕެނަލް ހަރުކޮށްފި. ދެން އެބުނާ 30 ޕަސެންޓް އެހެރީ ހަމަވެފައި. އަހަރުމެން ދެން މި އެއްޗިހި (ސޯލާ ޕެނަލް) އުކާލަންވީ. ހެޔޮނުވާނެ މިހެން ހަދަން. މިވެސް ރައްޔިތުންނޭ"، ދާދި ފަހުން ސޯލާ ޕެނަލްތަކެއް ގަނެގެން ގޭގެ ފުރާޅުގައި ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ މީހަކު ބުންޏެވެ.
ފެނަކައިން މިމަހުގެ 19 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ، މިކުންފުނިން ޚިދުމަތް ދެމުންދާ ކަސްޓަމަރުންގެ ތެރެއިން އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމްތައް ނެތް މީޓަރިންގް އުސޫލުން ކަރަންޓްގެ ވިއުގައަށް ގުޅުމަށް އެދޭ ފޯމް ފުރިހަމަކޮށް ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް މެނުވީ މި ޚިދުމަތް ފޯރުކޮށްދެވެން ނެތް ކަމަށެވެ.
އަދި މިހާރު އެ ކުންފުނިން ކަރަންޓް ދިނުމަށް ބޭނުން ކުރާ ހައުސް މީޓަރ ތަކުގެ ހިނގުމަށް ބަދަލު އަންނަ ގޮތަށް އެއްވެސް ފަރާތަކުން ކަރަންޓް ވިއުގާ ގުޅާފައިވާނަމަ އެކަން މިއަދުން ފެށިގެން ކަރަންޓް ވިއުގަ އާއި ވަކި ކުރުމަށް ވެސް ފެނަކައިން ވަނީ އަންގާފައެވެ.
މިއަދުން ފެށިގެން (20 ޖެނުއަރީ) އެގޮތަށް ވަކި ނުކުރާ ތަންތަނުގެ ކަރަންޓް ކަނޑާލުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުން އަންގާފައިވާ ކަމަށް ފެނަކަ އައްޑޫ އޮފީހުގެ ޑިރެކްޓަރ މުޙައްމަދު ޒުހައިރު ސޮއިކުރައްވައި ފޮނުވާފައިވާ ސިޓީގައި ވަނީ ބުނެފައެވެ.
ފެނަކައިން ސޯލާ ޕެނަލް ބޭނުންކުރާ ފަރާތްތަކަށް ފޮނުވާފައިވާ ސިޓީ.
އެ ސިޓީގައި ވާގޮތުން އިޢާދަކުރަނިވި ހަކަތައިން ކަރަންޓް ވިއުގާ ގުޅުމަށް ބޭނުން ވެލައްވާ ނަމަ އެ ސިޓީ އާއި އެކުގައި ފޮނުވާފައިވާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ޑޮކިއުމެންޓްތައް ހިތަދޫ ބްރާންޗްގެ ކަސްޓަމާރ ސާވިސް ޑިޕާޓްމަންޓަށް ހުށަހެޅުމަށް އަންގާފައެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ފެނަކަ ގްރިޑާއި ގުޅުމުގެ ހުއްދަ ދޭނީ ކޮންމެ ރަށެއްގައި ވެސް ކަރަންޓް ބޭނުންކުރާ ފުލްލޯޑުގެ ތިރީސް ޕަސެންޓް އާއި ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ