ރައްޔިތުންނަށް ޝުކުރު އަދާމިކުރަނީ ވެރިކަމަށް އާދެވުނީމަ ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ޝުކުރިއްޔާ ގައުމު" މި ނަމުގައި ރޭ ބޭއްވި ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންނަށް ޝުކުރު އަދާމިކުރަނީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ އިތުރު ފުރުސަތެއް ދެއްވުމުން ކަމަށާއި ޝުކުރު އަދާކުރުމުގެ ގޮތުން ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް މިހާރު ކޮށްދޭން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މާތް ﷲ ގެ އިރާދަފުޅާއިއެކު ދިވެހި ރައްޔިތުން އިތުރު ފުރުސަތެއް މިއޮތީ ދެއްވާފަ، އެހެންވީމާ އަޅުގަނޑުމެން ޖެހޭނީ ޝުކުރު އަދާކުރުމުގެ ގޮތުން ވެސް ދިވެހި ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭނަް." މައުމޫން ވިދާޅުވި އެވެ.
އަދި ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭން ޖެހޭ ކަމަށާއި އަމަން އަމާންކަން ގާއިމުކުރަން ދިވެހި ރައްޔިތުން ބޭނުންވާއިރު އެކަން ކޮށްދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދާއި އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މަޖިލިސް އިންތިހާބަށް އަލަށް ހޮވިވަޑައިގެންނެވި ބައެއް މެންބަރުންނާއި އެތައް ހާސް ބަޔަކު ބައިވެރިވެފައިވެ އެވެ.
އެހެންނަމަވެސް ރޭ ބޭއްވި ޖާފަތުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވާއިރު އަދާލަތު ޕާޓީން ވެސް ބައިވެރިވެފައެއް ނުވެ އެވެ.
ޝުކުރު އަދާމިކުރަނީ ވެރިކަމަށް އާދެވުނީމައެއް ނޫން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ