ސްކޫލް ބަންދާ ދިމާކޮށް ހޮލިޑޭ ޕެކޭޖެއް ސަން އައިލެންޑް ރިސޯޓުން ތައާރަފްކޮށްފި

ސްކޫލްތަކުގެ މިޑްޓާމް ބަންދާއި ދިމާކޮށް ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ހޮލިޑޭ ޕެކޭޖެއް ސަން އައިލެންޑް ރިސޯޓުން ތައާރަފްކޮށްފި އެވެ.
ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ އޮންނަ ބިދޭސީންނަށް އަމާޒުކޮށްގެން ތަޢާރަފްކޮށްފައިވާ މި ޕެކޭޖަކީ، ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޗާޖް ކުރާ އާންމު އަގުގެ 60 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓު ލިބޭ ޕެކޭޖެކެވެ.
އެގޮތުން އާންމު އަގެއްގެ ގޮތުން އެ ރިސޯޓުން 300 ޑޮލަރު ރެއަކަށް ޗާޖު ކުރާއިރު، ޕެކޭޖުގެ އަގެއްގެ ގޮތުގައި ރެއަކަށް ކަނޑައަޅާފައިވަނީ 128 ޑޮލަރެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސަން އައިލެންޑް ރިސޯޓުގެ ރިޒަވޭޝަން މެނޭޖަރު އަލީ ނަސީރު ވިދާޅުވީ، އެ ރިސޯޓުން އަލަށް ތައާރަފްކުރި މި ޕެކޭޖަކީ، ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ލޯކަލް ޓޫރިޒަމް ރާއްޖޭގައި ހަރުދަނާކުރުމުގެ ގޮތުން ތައާރަފު ކުރި ޕެކޭޖެއް ކަމަށެވެ. އެގޮތުން މި ޕެކޭޖުގެ ދަށުން ކޮންމެ ދެމަފިރިއަކަށް ދުވާލަކަށް ޗާޖު ކުރާ 128 ޑޮލަރުގެ އިތުރަށް ރިސޯޓުގައި ހުންނައިރު ބޭނުންވާ ތިންއިރު ކެއުމާއި ފެނާއި އިތުރަށް ބޭނުންކުރާ ސޮފްޓް ޑްރިންކްތަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ، ވިލާ ގުރޫޕުން ހިންގާ ހުރިހާ ރިސޯޓުތަކަކުންވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ މާކެޓް ބޮޑުކޮށް، އަތްފޯރާ އަގެއްގައި މެދު ފަންތީގެ ދިވެހިންނަށްވެސް ޗުއްޓީ ހޭދަކޮށްލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
އެގޮތުން ވިލާގެ ޕެރަޑައިސް އައިލަންޑް ރިސޯޓުންވެސް އަންނަނީ ކޮންމެ އަހަރެއްގެ އަހަރީ ޗުއްޓީއާއި ދިމާކޮށް އެކި ކަހަލަ ޕެކޭޖްތައް ބޭރުގެ ފަތުރުވެރިންނަށާއި ދިވެހިންނަށް އަމާޒުކޮށްގެން ތައާރަފްކުރަމުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ