އެއް ފަހަރާ ފަސް މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުން ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކޮށްދިނުމަށް ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ދާއިރާ ކުރިއަރާ ދިއުމުގެ ބަދަލުގައި ނިކަމެތި ހާލަތަކަށް ވެއްޓިގެންދާނެ ކަމެއް ކަމުގައި އެތައް ރިސޯޓެއް ހިންގަމުން ގެންދާ ވިލާ ގުރޫޕުގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަމުން ގެންދާ އިގްތިސޯދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ގާސިމް އިބްރާހިމަކީ އެކޮމިޓީގެ މެންބަރެކެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ އެއް ފަހަރާ ފަސް މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުން ރިސޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ އެހެން މަންޒިލްތަކާއި ރާއްޖެއިން ވާދަކުރަންޖެހޭއިރު ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހަޅާފައިވާ ގޮތަށް އަމަލުކޮށްގެން ޓޫރިޒަމް ދާއިރާއަށާއި ސަރުކާރަށް ލިބޭނެ ގެއްލުން މާބޮޑު ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު މިދެންނެވީ މިހާރު ދީފައި ނުހެދި ހުރި ޕްރޮޖެކްޓްތަކާއި އެގްރިމެންޓްތައް ދީފައި ހުރި ފަރާތްތަކަށާއި ހުރިހާ ދިމާއަކަށް 99 އަހަަރަށް ލިބޭ ގޮތް ހައްދަވާފައި ކޮންމެ އަހަރަކުވެސް އެއްލައްކަ ޑޮލަރު މިހާރުއްސުރެ ފަށައިގެން ދައްކަމުން ކުލީގެ ތެރެއަށް އިތުރުކޮށް ދައްކަމުންދާ ގޮތަށް ހަމަޖައްސައިފި ކަމުގައިވަނީވިއްޔާ ނަތީޖާއަކީ މިއަދު ސަރުކާރަށް ލިބޭ ލާރިވެސް މާގިނަވާނެ. މާގިނަ ބަޔަކަށް އެހީތެރިކަންވެސް ވެދެވުނީ. އެންމެންގެ ރުހުންވެސް ސަރުކާރަށް ލިބޭނެ މިއަދަށްވުރެ މާބޮޑަށް އިނގޭތޯ. އެހެންވީމާ މިކަން ކުރުން، މަދު ހަތަރު ފަސް މީހަކަށް އެ ފުރުސަތު ދޭން ނޫނީ ދިހަވަރަކަށް މީހުންނަށް އެ ފުރުސަތު ދޭން މިގާނޫނަށް މިބަދަލު ގެނެސްގެން މި ފަސް މިލިއަން ޑޮލަރު އެއްފަހަރާ ދޭށޭ ބުނުމަށްވުރެ މިދެންނެވިހެން މި ހުރިހާ މީހުންނަށްވެސް މިދާއިރާގައި އުޅޭ ހުރިހާ އެންމެންނަށްވެސް މިހެން ދޫކޮށްލީމާ އަނެއްކާ ދެން އަންނަ ބަޔަކުވެސް މާބޮޑަށް ބޭނުންވާނެ އެކަމުގެ ތެރެއަށް ވަންނަން. އަނެއްކާ އެސްއީޒެޑް ބިލްވެސް މިއޮތީ. އެހެންވީމާ މިހުރިހާ އެއްޗަކަށް ބެލީމާ މިއީ އަޅުގަނޑުމެން ކުރަން ވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ މިވާހަކަ ދަންނަވާލީ،" ކުރިން ފިނޭންސް މިނިސްޓަރުކަމާއި ގަވަރުނަރުކަންވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ މީގެ ކުރިންވެސް 50 އަހަަރަށް މުއްދަތު އިތުރުކުރުމަށް ނިންމާ އެޑްވާންސްކޮށް ފައިސާ ދެއްކުމުން މުއްދަތު އިތުރުކޮށްދޭ އުސޫލެއް ސަރުކާރުން ގެންގުޅުނު ކަމަށާއި ނަަމަވެސް އެކަމުގެ ސަބަބުންވެސް އެތައް ބަޔަކަށް ގެއްލުންވި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އެމައްސަލަތައް ކޯޓަށް ހުށަހަޅާ ކޯޓުން މައްސަލަތައް ނުހިނގަނީސް އަނެއްކާވެސް އެފަދަ ކަމެއް ކުރަން ސަރުކާރުން ތައްޔާރުވަމުން ދިއުމަކީ ވިސްނަންޖެހޭ މައްސަލައެއް ކަމުގައި ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުން އެކިއެކި ފަރާތްތަކާއެކު ހަދާފައި ހުންނަ އެއްބަސްވުންތަކަށް އެފަރާތްތަކުގެ ކުށެއް ނެތި ބަދަލުނުކުރެވޭނެ ކަމަށާއި އެއީ ވަަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެގޮތަށް ހިނގާ ކަންކަން ހުއްޓުވާ ރައްޔިތުންނާއި އިންވެސްޓަރުން ހިމާޔަތް ކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭނެ ކަމެއް ކަމަށާއި މަޖިލީހެއް އޮތުމުގެ ބޭނުމަކީ އެއީ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް އަވަސް އަވަހަށް ބަދަލުއައިސް ނިންމާ ނިންމުންތަކުގެ ސަބަބުން ވާދަވެރި މަންޒިލްތަކާއި ފައިހަމަކުރުމަށް ރާއްޖެއަށް އުދަގޫވާނެ ކަމަށެވެ. ކައިރިކައިރީގައި ސަރުކާރުން ގެނައި ބަދަލުތަކާއި ތައާރަފްކުރި ޓެކްސްތަކުގެ ސަބަބުން މިހާރުވެސް ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ އަސަރުތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ރިސޯޓްތަކުގެ އޮކިއުޕަންސީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ރާއްޖެއަށް ވަރަށް މުހިއްމު ޓޫރިޒަމްގެ މާކެޓްތައް ގެއްލެމުންދާ ކަންވެސް ގާސިމް ފާހަގަކުރެއްވި އެވެ.
"މިއަދުގެ ހާލަތަކީ މިއަދު ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިހާރުވެސް މިއުޅެނީ 30 ޕަސަންޓް 40 ޕަސަންޓްގައި އޮކިއުޕަންސީ. މިއަދު އެވްރެޖްކޮށް ދިވެހިރާއްޖޭގެ އޮކިއުޕަންސީ ގާތްގަނޑަކަށް 40 ޕަސަންޓް ނާރާ އިނގޭތޯ. މިއީ ހަގީގަތް. އެންމެ ހައިލެވަލް ތަންތަނާއި ލޯލެވަލް ތަންތަނާއި މިއަދުގެ މާކެޓްގައިވެސް އެތައް ބައިވަރު ޑިސްކައުންޓެއް ދީގެން، ފަހަރެއްގައި ރަށެއް އޮވެދާނެ ނުވަތަ ދެރަށެއް ތިން ރަށެއްވެސް އޮވެދާނެ 80 ޕަސަންޓް 90 ޕަސަންޓް އޮކިއުޕަންސީގައި. އެހެނަސް އެވްރެޖްކޮށް 50 ޕަސަންޓަށް ވުރެ ދަށުގައި މިދަނީ. ހާއްސަކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހަށްފަހު މިއަހަރުގެ ފެބްރުއަރީ މަހުގައި އޮކިއުޕަންސީ ރަނގަޅުވި. އެހެންނޫނީ ވިއްޔާ ހަަމަ އެވްރެޖްކޮށް އަޅުގަނޑު ދަންނަވާނީ އެވްރެޖް އޮކިއުޕަންސީ 60 ޕަސަންޓަށް ވުރެ ދަށުގައި 50 ޕަސަންޓުގައި 55 ޕަސަންޓުގައި އެދަނީ މިއަހަރުގެ އޮކިއުޕަންސީތައް ވެއްޓިގެން. އެހެންވީމާ މިހެން ދާއިރުގައި އަޅުގަނޑުމެންނަށް މީގެ ރިސްކަކީ އެއް ދިމާލަކުން އައި އެއްޗެއް ނޫން. މީގެ ތެރޭގައި ޓީޖީއެސްޓީ 12 ޕަސަންޓަށް ބޮޑުވުން، އަނެއްކާ މިހާރު ގްރީން ޓެކްސް އެ އައީ އަނެއްކާ ލޭންޑް ރެންޓް އަނެއްކޮޅު ޑިއުޓީ ސްޓްރަކްޗާތައްވެސް ބޮޑުވަނީ. ދުނިޔޭގެ މަސްރަހަށް އަންނަ މިބަދަލުތައް އަޅުގަނޑުމެން އެބަޖެހޭ ދެނެގަންނަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދެނީ ޓޫރިޒަމް ދާއިރާ އިން ކަމަށާއި އެހެންކަމުން އެ ދާއިރާގެ ކަންކަން ނިންމާއިރު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. އެހެންނޫނީ އެތައް ބަޔަކު ނިކަމެތިވެ މަގުމަތިވެދާނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީކޮށް އެދާއިރާ މިއަދު މިއޮތް ހިސާބަށް އަދި ޓޫރިޒަމަކީ އަގުހުރި އުފެއްދުމަކަށް ހަދައިދިނީ ދިވެހިންގެ ތެރެއިން އެކަމަށް ނިކުން މަދުބައެއްގެ އެތައް ގުރުބާނީއެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ޓޫރިޒަމްގެ ސިޔާސަތުތަކަށް ބަދަލު ގެންނައިރު އެފަދަ ބޭފުޅުންނަށްވެސް ގެއްލުން ނުވާނެހެން ދެމެހެއްޓެނިވި ގޮތަކަށް ޓޫރިޒަމް ދާއިރާ ތަރައްގީކުރަން ސަރުކާރުން ވިސްނަންޖެހޭ ކަމުގައި ވިދާޅުވި އެވެ. މިއީ ވަކި މީހެއްގެ އަދި ވަކި ޕާޓީއެއްގެ ގައުމެއް ނޫން ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.
"މަސައްކަތްތަކެއް ކުރި މީހަކަށް އޭގެ ހައްގު އިނާމު ލިބެންޖެހޭނީ ކޮންމެހެން މިހާރު މިލިބޭ ގޮތަކަށެއް ނޫނޭ. ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮ ހަމެއް ލިބޭނެއޭ ބުނާ އުސޫލަކުން ނޫނޭ އެކަހަލަ ކަންކަން ވާންވާނީ. އެކަހަލަ ކަންތައްތައް ވާންޖެހޭނީ، އެމީހަކު ކުރި މަސައްކަތެއްގެ އަގު ވަޒަން ކުރުން ކަމަށް ވާނީ އަދި އަމުދުން އަދި މިބާވަތުގެ ތަނަކުން ރައްޔިތުންގެ މަޖިލީހުން ކުރާ، އާދެ ގާނޫނަށް ގެންނަ ބަދަލަތަކަކުން އެކަން އަޅުގަނޑުމެން ދައްކައިދޭން ޖެހޭނީ ވަރަށް އިހްލާސްތެރިކަމާއެކީގައި، ގާސިމް ވިދާޅުވި އެވެ.
99 އަހަރަށް ރިސޯޓްތައް ދޫކުރަން ނިންމާފައިވާ ގޮތުން ޓޫރިޒަމަށް ބޮޑު ގެއްލުމެއް ވާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ