ބިލަބޮންގް އަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލް: ޗެއާމަން

މިދިޔަ އަހަރުގެ ޖީސީއީ އޯ ލެވެލް އިމްތިހާނުގައި ބިލަބޮންގް ހައި ސްކޫލްގެ ދަރިވަރުން އަލަށް ބައިވެރިވެ ވަރަށް ފުރިހަމަ ނަތީޖާއެއް ހޯދައިފައިވާ ކަމަށާއި އެ ނަތީޖާއާއެކު ބިލަބޮންގްއަކީ މިއަދު ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލަށް ވެގެން ގޮސްފައިވާ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.
އިންޑިއާގެ ކެންގަރޫ ކިޑްސް އެޑިއުކޭޝަނާ ގުޅިގެން ރާއްޖޭގައި ދެވަނައަށް ހުޅުވި އިންޓަނޭޝަނަލް ސްކޫލް ކަމުގައިވާ ބިލަބޮންގް ގެ ދެވެނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްކޫލްގެ ގަވަނިން ބޯޑުގެ ޗެއާމަން އަބްދުލް ރަޝީދު ވިދާޅުވީ، މިދިޔަ އަހަރު ޖީސީއޯ ލެވެލް އިމްތިހާނުގައި އެ ސްކޫލުން އަލަށް ބައިވެރިވެ، ވަރަށް ފުރިހަމަ ނަތީޖާއެއް ހޯދައިފައިވާ ކަމަށެވެ.
އެ ސްކޫލުން އިމްތިހާނުގައި ބައިވެރިވި 14 ދަރިވަރުންނާ ގުޅޭ ގޮތުން އަބްދުލް ރަޝީދު ވިދާޅުވީ، އެ ސްކޫލްގެ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ގުޅިފައި އޮތީ އެ ދަރިވަރުންގެ ނަތީޖާއާ ކަމަށެވެ. އަދި މިއަދު އެ ދަރިވަރުން އޯ ލެވެލް އިމްތިހާނުން ވަރަށް ފުރިހަމަ ނަތީޖާއެއް ހޯދައިފައިވުމުން، ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވެސް އަބްދުލް ރަޝީދު ވިދާޅުވި އެވެ. އެކުދިންގެ އެހީތެރިކަމާއެކު، ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލަށް ބިލަބޮންގް ވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި، އޯ ލެވެލްގައި ބައިވެރިވި ބިލަބޮންގް ގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް އެވޯޑާއި ސެޓްފިކެޓް ވެސް ވަނީ ހަވާލުކޮށްފަ އެވެ.
ބިލަބޮންގް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، މިދިޔަ އަހަރުގެ ޖީސީއޯ ލެވެލް އިމްތިހާނުގައި ސްކޫލްގެ 100 ޕަސަންޓް ދަރިވަރުން 10 މާއްދާއިން ފާސްވެފައިވާ ކަމަށެވެ. އެގޮތުން ދިވެއްސާއި އިނގިރޭސި މާއްދާއިން އިމްތިހާނުގައި ބައިވެރިވި އެ ސްކޫލްގެ ހުރިހާ ދަރުވަރުން ފާސްވި އެވެ.
ހިސާބުން 92 ޕަސަންޓް ކުދިން ފާސްވިއިރު، 91 ޕަސަންޓް ކުދިން ވަނީ ފިޒިކްސް މާއްދާއިން ވެސް ފާސް ވެފައި ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި އެ ސްކޫލްގެ 14 ދަރިވަރުންގެ ތެރެއިން 9 ދަރިވަރުން ވަނީ އިނގިރޭސިން އޭ ނުވަތަ އޭ ސްޓާ ހޯދައިފަ އެވެ.
އެ ސްކޫލުން އިތުރަށް ބުނީ، 93 ޕަސަންޓު ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ