ސިޔާސީ ކުލަވަރު ނުޖެހި ކޮންމެ މީހަކަށްވެސް އިންސާފު ލިބެންޖެހޭނެ: ގާސިމް

ސިޔާސީ ކުލަވަރު ނުޖެހި ކޮންމެ ފަރާތްތަަކަށްވެސް ހައްގު މަގުގައި އިންސާފު ލިބެންޖެހޭނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ހައިކޯޓުގެ ބޭރުގައި ހުންނަވައިގެން ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާ ގުޅިގެން އެކުލަވާލާފައިވާ ތަހުގީގީ ރިޕޯޓުގައި ފުލުހުން އަމިއްލައަށް ދައްކާފައިވާ ވާހަކަތަކުގައިވެސް ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރިކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އިނގޭ ކަމަށާއި އެހެންކަމުން ތާކުންތާކުން ނުޖެހޭ ގޮތެއްގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށެވެ.
ނާޒިމަށް ހިމާޔަތާ ރައްކާތެެރިކަމާ އިންސާފުގެ މަގުގައި ހައްގު ލިބިދިނުމަށް ގާސިމް ވަނީ ގޮވާލައްވާފަ އެވެ. ނާޒިމްގެ ޝަރީއަތަށް އާއިލާގެ ބޭފުޅުންނާއި ވަކީލުން ފިޔަވާ އިތުރު ފަރާތްތަކަށް ނުވަދެވޭ ގޮތަށް ނިންމުމަކީ ވަރަށް ނިކަމެތި ކަމެއް ކަމަށާއި ކޮންމެ މީހެއްގެ ޝަރީއަތްވެސް ކުރިއަށް ގެންދަން ޖެހޭނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން މީހުންނަށް އިންސާފު ލިބުމުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނީ ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި ވަކި ފަރާތަކަށް ނުޖެހި ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގާނޫނީ އުސޫލާއި ހަމަތަކުގެ ތެރެއިން ކަންތައްތައް ކޮށްދީ ގައުމު ހަލަބޮލިކޮށް ނުލުމަށް ރައީސް ޔާމީނަށް ގޮވާލަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފުލުހުންގެ އިއްޒަތާ ގަދަރު ރައްޔިތުންގެ ހިތުގައި އޮންނާނެ ގޮތަކަށް ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާ ކަމަށާ ފުލުހުންނަށް އެމަނިކުފާނު އިހްތިރާމްކުރައްވާ ކަމަށެވެ. އަދި ވަކި ބޭފުޅަކު އަމުރު ކުރެއްވީތީ ގާނޫނާއި ހިލާފަށް ރައްޔިތުންނަށް ލިބިދޭ ހައްގުތަކުން މަހުރޫމުވާ ގޮތަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށްވެސް ގާސިމް އެދިވަޑައިގެންނެވި އެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންދިޔަ މައްސަލާގައި ގާސިމް ވިދާޅުވީ ނަޝީދުގެ މައްޗަށް ދައުވާ ކޮށްގެން މި ގައުމަށް އަމާންކަމާއި މަސްލަހަތު ނެތް ކަމަށެވެ. އަދި އެދައުވާ އަނބުރާ ގެންދިއުން އެއީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައިވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ