ކެޝާއަށް ހިތްދަތިކަން! ކޯޓުން ނިންމީ ޖިންސީ ގޯނާކުރި ޕްރޮޑިއުސަރާ އެކު މަސައްކަތް ކުރަންޖެހޭ ކަމަށް
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކެޝާ ރޯޒް ސަބަރޓް، އޭނާއަށް ޖިންސީ ގޯނާ ކުރި ސޮނީ ކުންފުނީގެ ޕްރޮޑިއުސަރާއި އެކު އިތުރު ހަ އަލްބަމްގެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމެރިކާގެ މެންހެޓަން ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. މަޝްހޫރު ލަވަ "ޓިކް ޓޮކް"، "ޓިމްބަރ" އަދި "ވީ އާރ ހޫ ވީ އާރ" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ކެޝާ ވަނީ، އޭނާގެ ޕްރޮޑިއުސަރު ޑރ. ލޫކް އޭނާ ރޭޕްކޮށް، ޖިންސީ ގޯނާ ކުރިކަން ހާމަކޮށްފަ އެވެ. ކެޝާ ބުނެފައިވަނީ މީގެ 10 އަހަރު ކުރިން، ޑރ. ލޫކް އޭނާ ރޭޕް ކުރީ، ކެޝާގެ 18 ވަނަ އުފަން ދުވަހަށް ފަހު، ކެޝާއަށް ބޭހެއް ކާންދީގެން ނިންދަވައިގެން ކަމަށެވެ. އެއަށް ފަހު އޭނާ ވަނީ، ޑރ. ލޫކްއާއި އެކު އޭނާ މަސައްކަތް ކުރަން ބޭނުން ނުވާކަން ވެސް ހާމަކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ސޮނީ ކުންފުނިން ބުނެފައިވަނީ، އެ ކުންފުނީގެ އެހެން ޕްރޮޑިއުސަރެއް އޭނާއަށް ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް ކެޝާ އެކަމަށް ދެކޮޅު ހަދައި، ބުނެފައި ވަނީ އޭނާ ސޮނީއާއި އެކު މަސައްކަތް ކުރަން ބިރު ގަންނަ ކަމަށެވެ. ސަބަބަކީ، ޑރ. ލޫކްއާއި އެކު މަސައްކަތް ނުކޮށްފި ނަމަ، އޭނާގެ މިއުޒިކް ޕްރޮމޯޓު ކުރަން ސޮނީއިން އެހާ އިސްކަން ނުދޭނެ ކަމަށް ކެޝާއަށް ހީވުމެވެ. މި މައްސަލައިގައި ކޯޓަށް ދިއުމާ އެކު، މެންހެޓަން ސުޕްރީމް ކޯޓުން ކަނޑާއަޅާފައި ވަނީ، ކެޝާ ސޮނީ މިއުޒިކް ދޫކޮށްލައިފި ނަމަ ކުންފުންޏަށް އަގު ނުކުރެވޭނެހާ ބޮޑެތި ގެއްލުން ލިބޭނެ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓުގައިވާ ގޮތުން، ކެޝާ ސޮނީގައި އޭނާގެ ޕްރޮޑިއުސާ ޑރ. ލޫކްއާއި އެކު އިތުރު ހަ އަލްބަމް ހަދަން ޖެހޭނެ ކަމަށް ކޯޓުން ބުނެފައި ވެ އެވެ. ކޯޓުން މިގޮތަށް ކަނޑައެޅުމާއި އެކު، ކެޝާ ވަނީ ކޯޓުގައި ރޮއެފަ އެވެ. ކޯޓުގެ ގާޒީ ވިދާޅުވެފައި ވަނީ، ކެޝާ ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތަށް އޭނާގެ ކޮންޓްރެކްޓް ކޯޓުން އުވައި ނުދެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ