މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ވިއްސާރަކުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ރާއްޖެ ހިމެނޭ ސަރަޙައްދުގައި ލޯ ޕްރެޝަރ ޓްރަފެއް އުފެދިފައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި އުތުރުގެ އެކިހިސާބަށް ކެރީގެ އަސަރުފޯރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ.
ކުރިއަށްއޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ވައި އެނބުރި އާއްމުކޮށް މަޑުން، ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެތީ، ވަކިން ޚާއްސަކޮށް މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއްދެއްވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.
މެޓް އޮފީހުގެ ރިކޯޑްތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވާރޭ ވެހުނުކަމަށް ރިކޯޑްކުރެވިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކ. ގާފަރަށެވެ. އެރަށަށް 27.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. ދެން އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ ހުޅުލެއަށެވެ. ހުޅުލެއަށް 22.1 މިލިލީޓަަރުގެ ވާރޭ ވަނީ ވެހިފައެވެ. ރާއްޖޭގެ ދެކުނުން އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ދައްކަނީ އައްޑޫސިޓީ ހުޅުމީދޫއަށެވެ. އެރަށަށް 17.5 މިލިލީޓަަރުގެ ވާރޭވެހުނުކަމަށް މެޓް އޮފީހުގެ ރިކޯޑްތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ