އދގެ ރެޕަޓުއާ އަކަށް ހޮވިފައިވާތީ ޑރ. ޝަހީދު ސިޔާސީ މަގާމުން ވަކިކޮށްފި

އދ. އިން އިރާނަށް ކަނޑައެޅި އިންސާނީ ހައްގުތަކާ ބެހޭ ހާއްސަ ރެޕަޓުއާގެ މަގާމަށް ޑރ. އަހުމަދު ޝަހީދު ހޮވިވަޑައިގެންފައިވާތީ، އޭނާ ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުން މިއަދު ވަކިކުރައްވައިފި އެވެ.
ޝަހީދު އެ މަގާމުން ވަކިކުރައްވައި ރައީސް މުހައްމަދު ނަޝީދު ފޮނުއްވި ސިޓީފުޅުގައި ފޮރިން ޕޮލިސީ އެޑްވައިޒަރުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް ނަޝީދު މިއަދު ވަނީ ޝަހީދާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، މެދު އިރުމަތީގެ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ހައްލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަރާތުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ދެބޭފުޅުން ބައްލަވާލެއްވި އެވެ.
އަދި މިއަހަރު އައްޑޫގައި ބާއްވާ ސާކް ސަމިޓްގައި މި ސަރަހައްދުގެ ގައުމުތަކުގައި އިންސާނީ ހައްގުތަކާ ބެހޭ ހަރުދަނާ ސިޔާސަތެއް ގާއިމްކުރުމާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ