ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ކަންތައް ހައްލުކޮށްދިނުމުގައި މެދުވެރިވެދިނުމަށް އެދި، އިދިކޮޅު ޑީއާރްޕީގެ ޒެޑް ފެކްޝަނަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް، އިންޓަ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ސެކްރެޓަރީ ޖެނެރަލް އެންޑާޒް ބީ ޖޯންސަނަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އިއްޔެގެ ތާރީޚުގައި ފޮނުއްވާފައި މި ސިޓީގައި، އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލު ކަމަށް މައިގަނޑު ހަތަރު ކަމެއް ގެންނަވާފައިވެ އެވެ. އެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އޭނާ ފާހަގަކުރައްވާފައި ވަނީ މަޖިލީހުގެ ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަނުވަނީސް މަޖިލީހުގެ ޖަލްސާތައް އަލުން އެކުލަވައިލުމަށް މަޖިލީހުގެ ގަވާއިދު ތަންނުދޭ ކަމަށެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ދާއިމީ ކޮމިޓީއެއްގައި ހުންނަ މެމްބަރަކީ އޭނާ އެ އައްޔަންކުރި ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރި މުއްދަތަކަށް އެ ކޮމިޓީގައި އެ މަޖިލީހުގެ އުމުރު ނިމެންދެން ހުންނާނެ މެމްބަރެއް ކަމަށް މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވާ ކަމަށެވެ. މިއީ ވެސް މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް މިހާރު ގެންނަ ބަދަލުތަކަކީ ގަވާއިދާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އަލީ އާރިފްގެ ސިޓިގައި ތިން ވަނަ ކަމެއްގެ ގޮތުން ވިދާޅުވެފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަކީ ވެސް ގަވާއިދާ ޚިލާފު ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވައިލީ ކުރިން އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ނެގި ވޯޓަކުން ކަމަށެވެ.
އަދި ސިޓީގައި އެންމެ ފަހު ކަމެއްގެ ގޮތުން ފާހަގަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ރައީސް ނަޝީދު ދެއްވި ރޭޑިއޯ ތަގުރީރުގައި، މަޖިލީހުން ނިންމާ ޣައިރު ގާނޫނީ ނިންމުންތައް ތަންފީޒުކުރުމަށް ބާރުގެ ބޭނުންކުރައްވާނެ ކަމަށް ވިދާޅުވެ ބިރުދެއްކެވި ކަމަށެވެ. އަދި މިއީ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ އަޑު ކަނޑުވައިލުމަށް ދެއްވި އިންޒާރެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން މަޖިލީހުގެ މަސައްކަތްތަކާއި ވާޖިބުތަކަށް ސަރުކާރުން ހުރަސްއަޅާ ކަމަށާއި ރައީސް ނަޝީދު ވެސް މަޖިލީހުގެ ކަންކަމަށް ނުފޫޒު ފޯރުވައި ބިރުދައްކަވާކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ވެރިކަންކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީން ވެސް ތަކުރާރުކޮށް މަޖިލިސް ހުއްޓުވާ ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ސިޓީ ނިންމަވާލައްވަމުން އަލީ އާރިފް ވިދާޅުވެފައިވާ ގޮތުގައި މި ކަންތައް އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވީ، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ރޫހާ އެއްގޮތަށް އަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހުގެ ރައީސަށް އިރުޝާދު ދެއްވާނެ ކަމުގެ އުންމީދުގަ އެވެ.
މަޖިލީހުގެ ކަންތައް ހައްލުކޮށްދިނުމުގައި މެދުވެރިވެދިނުމަށް އެދި، މެމްބަރު އަލީ އާރިފް އައިޕީޔޫ އަށް ސިޓީއެއް ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ