ދައުލަތުގެ އެއްބާރުލުން ނުލިބޭ ނަމަ "ބޮޑެތި ކުށްވެރިން"ތަކެއް ދޫކޮށްލާނެ ކަމުގެ އިންޒާރު ގާޒީ ދެއްވައިފި

ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ޝަރީއަތަށް ނުލިބޭނަމަ ނުރައްކާތެރި ކުށްވެރިން ކަމަށް ފުލުހުން ބުނެފައިވާ ދެ މީހަކު މުޖުތަމައަށް ދޫކޮށްލާނެ ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ގާޒީއަކު މިއަދު އިންޒާރު ދެއްވައިފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަށް ފަހު މުޖުތަމައަށް ދޫކޮށްލާނެ ކަމަށް ގާޒީ އިންޒާރު ދެއްވާފައި ވަނީ ދ. ރަތަފަންދޫ އެއްގަމުގޭ އަހުމަދު ޝަރީފާއި ލ. ގަމު ތުނޑީ އަވަށު ސްނޯ ރޯސް މާދިހު މުހައްމަދެވެ.
"އަޅުގަނޑަކަށް ހީއެއް ނުވޭ ދައުލަތަށް މި މީހުން ނުރައްކާތެރި ބަޔަކަށް ވެގެން އުޅޭހެނެއް. ޝަރީއަތަށް ބޭނުންވާ އެއްބާރުލުން ކަމާބެހޭ ފަރާތްތަކަކުން ނުލިބޭ،" މި މައްސަލައިގެ އަޑުއެހުން ހަތަރު ވަނަ ފަހަރަށް ކެންސަލް ކުރުމަށް ފަހު ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ޝަރީއަތަށް ހެކިބަސް ދިނުމަށް ހާޒިރުވާން އަންގާފައިވާ ދެ ފުލުހަކު ހާޒިރުނުވެގެން މިއީ ކެންސަލްކުރަން ޖެހުނު ހަތަރު ވަނަ އަޑުއެހުން ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފުލުހަކު ޗުއްޓީގައި ހުރި ކަމަށާއި އަނެއް މީހާ ވަޒީފާ އަށް ނުނިކުންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ގާޒީ ވިދާޅުވީ އެ ދެ ފުލުހުން ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނީ މީގެ އެއް މަސް ކުރިން ކަމަށާއި އޭނާ ޗުއްޓީ އަށް ގޮސްފައި ވަނީ އޭގެ ފަހުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ ދުވަހު ޝަރީއަތަށް ހެކިވެރިން ހާޒިރުނުވާ ނަމަ ކުށްވެރިން ދޫކޮށްލައްވާނެ ކަމަށެވެ.
ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ އެ ދެ މީހުން އިސްމާއިލް ފިރުދައުސް ކިޔާ މީހަކަށް، މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެ ދެ މީހުން ވެސް ވަނީ މި ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ