އަލީ ވަހީދު ޑީއާރުޕީ ދޫކޮށްލެއްވުމަކީ ރަނގަޅު ނިންމުމެއް ނޫން: ރޮޒައިނާ

ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމުގެ ބައެއް ނިންމެވުންތަކާ މެދު ހިތްހަމަޖެހިވަޑައިނުގަތަސް މި ދަނޑިވަޅު އަލީ ވަހީދު ޑީއާރުޕީ ދޫކޮށްލެއްވުން ރަނގަޅު ނޫން ކަމަށް ޑީއާރުޕީގެ ކައުންސިލް މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮޒައިނާ ވިދާޅުވީ އެ ޕާޓީގައި މުހިއްމު ރޯލެއް އަދާކުރައްވާ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ޕާޓީ ދޫކުރައްވާ ވަޑައިގަތުމަކީ ޕާޓީ އަށް ލިބޭ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ނަމަވެސް އޭނާ ޕާޓީ ދޫކުރައްވަނީ ޒައީމް މައުމޫނުގެ ބައެއް ނިންމުންފުޅުތަކާ ހިތްޕުޅުހަމަނުޖެހިގެން ކަމަށް ވާ ނަމަ އެއީ ރަނގަޅު ނިންމެވުމެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"ޕާޓީ ތެރޭގައި މައްސަލަތައް ޖެހޭނެ. ސްޓްރޯންގް ލީޑާޝިޕަކީ އުނދަގޫތަކުގެ ތެރެއިން އަމާން އައްސޭރިއަކަށް ޕާޓީ ގެންދިޔުން. މިފަދަ ދަނޑިވަޅެއްގައި އަދި ޒައީމް ނަންގަވާ ޑެސިޝަންތަކާ މެދު ހިތްޕުޅުހަމަނުޖެހިގެން ޕާޓީން ވަކިވުމަކީ ރަނގަޅު ގޮތެއް ނޫން،" ތުލުސްދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ޕާޓީގެ މެމްބަރުން ހިތްހަމަނުޖެހޭ ވާހަކަތައް އަދި ޕާޓީ ތެރޭގައި އިތުރަށް ހަމަނުޖެހުން އުފެދޭ ގޮތަށް ޒައީމްގެ ވާހަކަފުޅުތައް ހުންނަ ކަމަށެވެ. ނަމަވެސް ކަމެއް ގޯސްވާއިރަށް ސިޓީތައް ނެރުއްވައި، އިލްތިމާސްތައް ކުރެއްވުމުގެ ބަދަލުގައި މަގާމުގެ ޒިންމާ ނެންގެވުމަށް މައުމޫނަށް އޭނާ ގޮވާލެއްވި އެވެ. އަދި ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތަކީ ލީޑަރުގެ ވާޖިބެއް ކަމަށްވާއިރު އެ މަސްއޫލިއްޔަތު ޕާޓީގެ ލީޑަރު ތަސްމީން އަލީ އަށް ދޫކޮށްލެއްވުމަށް ވެސް މައުމޫންގެ އަރިހުން ރޮޒައިނާ އެދިވަޑައިގަތެވެ.
ރޮޒައިނާއާ ބެހޭ ގޮތުން މިހާރު ފެތުރެމުން އަންނަ ބައެއް ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ. އެގޮތުން ރައީސް ނަޝީދާއި އަލީ ވަހީދާ އެކު އެއްރޭ ލޯންޗަކަށް އެރުއްވިކަމުގެ ވާހަކަތައް ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވީ އެއީ ޒެޑް ޑީއާރުޕީން ނުވަތަ ޕީއޭން ފަތުރަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.
އަލީ ވަހީދު ޕާޓީން ވަކިވެވަޑައިގަތުމުން ޕާޓީ އަށް ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި މެމްބަރުން އިތުރަށް މާޔޫސްކުރުމަށް އެކަހަލަ ވާހަކަތައް ފެތުރުމުގެ މަގްސަދަކީ ތަސްމީނުގެ ފަހަތްޕުޅުގައި ތިބި އިސް މެމްބަރުން ޕާޓީން ބޭރުކުރުން ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ