ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތައް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތައް ކަނޑައަޅައި އެ މާއްދާ މާނަކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ރޭ ފާސްކޮށްފި އެވެ.
މީޑިއާ ކައުންސިލުން ރޭ ބޭއްވި ކުއްލި ބައްދަލުވެއްގައި މިގޮތަށް ފާސްކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އޮރިޔާން ވީޑިއޯ އާއި ފޮޓޯ ބޭނުންކޮށްގެން ދައުލަތުގެ އިސް ބައެއް ވެރިން ބްލެކްމެއިލް ކުރި މައްސަލަ ހަވީރު ނޫހުގައި ރިޕޯޓްކުރި ދެ ނޫސްވެރިއަކު މައުލޫމާތު ހޯދި "މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ ފަދަ ހާލަތެއް އެ ދެ ނޫސްވެރިންގެ މައްޗަށް ދިވެހި ފުލުހުން މެދުވެރިވި ކުރުވި" ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމަށް ސީދާކޮށް ހުރަސްއެޅޭ ކަމެއް" ގެ ގޮތުގައި ކައުންސިލް ގަބޫލުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.
"ހަވީރުގެ ދެ ނޫސްވެރިއަކު ތަހްގީގީ ނޫސްވެރިކަމުގެ ތެރެއިން ލިޔެފައިވާ ލިޔުމަކާ ގުޅިގެން ހަވީރުގެ އެ ދެ ނޫސްވެރިންގެ މައްޗަށް އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމުގެ ޖިނާއީ ކުށުގެ ތުހުމަތު ދިވެހި ފުލުހުންކޮށް، އެކަން ތަހުގީގުކުރުމަކީ ފުލުހުން ފެށި ފެށުމަކީ މި ކައުންސިލުން ކަންބޮޑުވާ އަމަލެކެވެ." ނޫސް ބަޔާނުގައިވެ އެވެ.
މީޑިއާ ކައުންސިލުން ބުނީ ފުލުހުންގެ މިފަދަ އަމަލުތަކުން ދޭހަވަނީ ނޫސްވެރިން ޒިންމާދާރު ގޮތުގައި އަދާކުރަމުން ގެންދާ ގާނޫނީ އަދި ދުސްތޫރީ މަސްއޫލިއްޔަތަށް އަރައިގަތުން ކަމަށެވެ. އަދި ހަވީރުގެ ދެ ނޫސްވެރިންނާ މެދު ފުލުހުން އުފުލާފައިވާ ތުހުމަތު ވަގުތުން ހުއްޓާލައި، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިންގެ މިނިވަންކަން ހިމާޔަތްކޮށްދިނުމަށް މީޑިއާ ކައުންސިލުން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.
ދައުލަތުގެ ބައެއް އިސްވެރިންގެ ބަރަހަނާ ވީޑިއޯތަކެއްގެ މައްސަލައިގައި ހަވީރުގައި ލިޔެފައިވާ ލިޔުމެއްގެ ސަބަބުން، ހަވީރުގެ ލޯކަލް ޑިޕާޓްމެންޓްގެ އެޑިޓަރު އިސްމާއިލް ނަސީރާއި އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫން ފުލުހުން ތަހުގީގަށް ހާޒިރުކޮށްފައި ވަނީ އިއްޔެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ