ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް އުޅުއްވަނީ ވެރިކަމާ ބަގުޑި ބައްދަން ނޫން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅު ނުވި ނަމަ ރާއްޖެ އަށް އިސްލާހީ ބަދަލުތައް ނުގެނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބުދަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޑީއާރުޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާމިގިލީ ދާއިރާގެ ގާސިމް ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބުން މައުމޫން ކަންތައް ބޮޑުވެ ވަޑައިގަންނަވަނީ ކަމަށެވެ.
"މި ޑިމޮކްރެޓިކް ހަޔާތުގެ ކަންތައްތައް ބިނާވެގެން، އެ މަނިކުފާނު ހެޔޮ ހާލުކޮޅުގައި ހުންނަވައި އެ މަނިކުފާނުގެ ކުރިފުޅު މަތީގައި އެއާ ހިލާފަށް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކަންތައްތަކެއް ދާއިރު ވަރަށް ބޮޑު ވޭންތަކެއް އެ މަނިކުފާނުގެ ހިތްޕުޅަށް އަރާ ވަޑައިގަންނަވާނެކަން އަދި ވަރަށް ބޮޑު ވޭނެއް އެ މަނިކުފާނަށް ކުރާނެކަން މިއީ އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތެއް. މި އަސަރުގައި އެމަނިކުފާނު ވިދާޅުވަނީ ގާނޫނާ ގަވާއިދާ އެއްގޮތުގެ މަތިން މިކަން ކޮށްދެއްވާށޭ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ހިތްޕުޅުވާނެ ހަމަކަށަވަރުން ވެސް މިކަން ރީތި މަގަށް، ރަނގަޅަށް ހިނގަމުންދާ ދުވަސް،" ގާސިމް ވިދާޅުވި އެވެ.
މައުމޫން ފެކްޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ގާސިމް ވަނީ ކ. އަތޮޅު ކައުންސިލް އިދާރާ އާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ ގާއިމްކުރުމުގެ ކަންތައްތަކުގައި ސުޕްރީމް ކޯޓާއި ހައިކޯޓުން ނެރުނު އަމުރަށްޓަކައި ފަނޑިޔާރުންނަށް މަރުހަބާ ދަންނަވައިފަ އެވެ.
ގާސިމް ވަނީ ފަނޑިޔާރުގެތަކުން އިންސާފުން ކަންކަން ކުރަމުންދާ ގޮތުގެ ނަމޫނާ ސިފައިންނާއި ފުލުހުން ބަލައިގަތުމަށް ވެސް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު ހަމަ ގައިމު ވެސް ލަދުވެތިވަމޭ ފުލުހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ ލޯޔަރުން ތިއްބެވިއިރު ތިޔަ ބޭފުޅުން ތިޔަ ކުރައްވާ ކޮންމެ ކަމެއްގައި ތިޔަ ބޭފުޅުންގެ ފައިމައްޗަށް އެނބުރި ތިޔަ ވެއްޓެނީ ކީއްވެގެންހޭ؟ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ގޮވާލަނީ އެއްވެސް ވެރިއަކު ކުރާ ޣައިރު ގާނޫނީ އަމުރަކަށް ކިޔަމަށް ނުވުމަށް. ތަބާ ނުވުމަށް. ސިފައިންގެ ގާނޫނާއި ފުލުހުންގެ ގާނޫނުގައި އަންގަނީ މި ދެންނެވި ގޮތަށް،" ގާސިމް ވިދާޅުވި އެވެ. "މިހެން މިކަން އޮއްވައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ލީބިއާގެ ކާނަލް ގައްޒާފީ އަމުރު ކުރެއްވީމަ ބައެއް ސިފައިންނާއި ފުލުހުން އަމަލު ކުރާ ގޮތަށް ތިޔަބޭފުޅުން އަމަލު ނުކުރައްވާށޭ އާދޭހޭ މި ކުރީ. ތިޔަ ހައްދަވަނީ ވަރަށް ބޮޑު ގޯހެކޭ. މި ގައުމުގެ ފަސާދައިގެ ތެރެއަށް ވައްޓާނުލައްވާށޭ،" ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން 21 ދުވަސް ވަންދެން ކުރައްވާފައިވާ ގާސިމް ވިދާޅުވި އެވެ.
ގައުމީ ސަލާމަތީ ބާރުތަކަށް އިޝާރާތް ކުރައްވައި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ "ތިޔަ ބޭފުޅުންނާ ކުރިމަތިލާން އަޅުގަނޑު ލަދުވެތިވަން" ކަމަށެވެ.
"އަޅުގަނޑު އާދޭހާއެކު ދަންނަވަން ސިފައިންގެ ބޭފުޅުންނާއި ފުލުހުންގެ ބޭފުޅުންނަށް ތިގޮތަށް ތިކަން ނުކުރައްވާށޭ. ވަރަށް ބޮޑު ގޯހެކޭ ތިޔަ ހައްދަވަނީ. ތިޔަބޭފުޅުން ހީފުޅު ނުކުރައްވާ މި ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ތިޔަ ބޭފުޅުންނަށް ކަންތައްތައް ކުރެއްވިދާނެ ކަމަކަށް. ތިޔަ ބޭފުޅުންނާއި ތިޔަ ބޭފުޅުންގެ އަނބިދަރިންނާއި މައިންބަފައިންނަކީ ވެސް މި ގައުމަށް އުފަންވި މި ވަތަނަށް އުފަންވި ދަރިންނޭ. އަޅުގަނޑުމެންގެ މާދަމާގެ މުސްތަގުބަލަށްޓަކައި މަސައްކަތް ކޮށްދެއްވަން ތިބި މި ގައުމު އަދާލަތުގެ ތެރެއަށް ގެންގޮސްދެއްވަން ތިއްބެވި ބޭފުޅުންނަކީ ތިޔަ ބޭފުޅުންނޭ. މީހަކު މޮޔަވެގެން އުޅުނަކަސް ކުރާހާ އަމުރަކަށް ތިޔަބޭފުޅުން ކިޔަމަންވާކަށް ނުޖެހޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާ އަކީ ސިޔާސީ މީހެއް ނޫނެވެ. އޭގެ ބަދަލުގައި ވިދާޅުވީ އޭނާ އަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެ މަގުން ވަޑައިގަތުމަށްޓަކައި އޭރަކު ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވަނީ ކަމަށެވެ.
"އަދިވެސް މާދަމާ ވެސް އަޅުގަނޑު ހުންނާނީ އެ ގޮތުގައި. މާތް ﷲގެ ވާގިފުޅާ އެކީގައި އަޅުގަނޑުގެ މަރު ދުވަހަށް ވެސް އަޅުގަނޑު ހުންނާނީ އެ ގޮތުގައޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި ނުސީދާކޮށް ވަނީ ޑީއާރުޕީގެ އެތެރޭގައި އުޅޭ މައްސަލަ އަށް ވެސް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެހެން ބޭފުޅުން އެ ޖަލްސާ އަށް ވަޑައިނުގަންނަވަންވީ ކީއްވެގެން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ޕާޓީން ވަކި ކުރައްވާފައިވާ އުމަރު ނަސީރު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއަކުން ނުފެންނާނެ ކަމަށް ތަސްމީން ވިދާޅުވެފައިވާތީ އެއަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އޭނާ އަކީ ވެސް ޑީއާރުޕީގެ ބޭފުޅެއް ނޫން ކަމަށެވެ.
"އުމަރު ނަސީރު މިވަނީ [މައްސަލަ] ކޯޓަށް ހުށަހަޅުއްވާފައި. އެހެންވީމަ އަދުލު އިންސާފުގެ މަރުހަލާތައް ނިމިގެން ދިޔައީމަ އެ ހިސާބުން އެނގޭނެ އުމަރު ނަސީރު [ޑީއާރުޕީ] ވަކިވީ ކަން ނުވަތަ ނޫންކަން. ޑީއާރުޕީގައި ހިމެނޭ މީހަކު ނުވަތަ ޑިމޮކްރެސީ އަށް މަސައްކަތްކުރި މީހަކު މިތަނަށް ނައުމަކީ އަޅުގަނޑު ހަމަ ގައިމު ވެސް ލަދުވެތިވާ ކަމެއް،" ތަސްމީނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުދިކުދި ހިޔާލު ތަފާތުވުންތައް ހުރިހާ ތަނެއްގައި ވެސް އުޅޭނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.
ބުދަ ދުވަހުގެ ރޭގެ ޖަލްސާގައި ގާސިމްގެ އިތުރުން ވާހަކަ ދެއްކެވި އެހެން ބައެއް ބޭފުޅުން ވެސް ވަނީ ތަސްމީންގެ ނަން ވިދާޅުނުވެ އޭނާއަށް ފާޑު ވިދާޅުވެފަ އެވެ. މައިގަނޑު ގޮތެއްގައި އެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވީ އެ ޖަލްސާ އަށް ތަސްމީން ވަޑައިނުގެންނެވުމުންނެވެ.
މި ޖަލްސާގައި މައުމޫންގެ ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ.
މައުމޫން އުޅުއްވަނީ ވެރިކަމާ ބަގުޑި ބައްދާކަށް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ