ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް "ފޮޅުވާ މަލަކަށް" ޖުމްހޫރީ ޕާޓީ (ޖޭޕީ) ނުހެދޭނެ ކަމަށާއި ބަޔަކު ނުރުހުނަސް 2023ގެ ރިޔާސީ އިންތިޚާބަށް މިހާރު ފަށާފައިވާ މަސައްކަތް ހުއްޓުމެއް ނެތް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ އަށް ޒުވާނުންތަކެއް ސޮއިކުރަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މާ އަވަހަށް އިންތިޚާބަށް ތައްޔާރުވާތީ ކަންބޮޑުވެ، އެ ސުވާލު އެކި ގޮތްގޮތަށް ކުރަމުންދާ ކަމަށެވެ. އެ ޕާޓީން މިހާރު ކުރަނީ ވަކި މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ހޮވުމުގެ މަސައްކަތް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
އެއީ، އޭނާ ވިދާޅުވި ގޮތުގައި، އިންތިޚާބުތަކުގައި ޖޭޕީ މެދުގައި އޮވެފައި، ކޯލިޝަން ހަދާ ސިޔާސީ ޕާޓީއަކަށް އިންތިޚާބު ކާމިޔާބު ވުން ހުއްޓުވައި އެ ޕާޓީގެ ކޮޅަށް ރައްޔިތުން ބުރަވެ އެ ޕާޓީން ވެރިކަން ކުރަން ކުރާ މަސައްކަތެވެ.
"އަޅުގަނޑު މި ދަންނަވަނީ ކާކު ކަމެއް ނޭނގެއޭ ވެރިކަމަށް ނުކުންނާނީ، މި ޕާޓީގެ ރައްޔިތުންނޭ ނިންމާނީ ނުކުންނާނީ ކާކުތޯ،" ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮންމެ ފަހަރަކު ވެސް އިންތިޚާބަކާ ދިމާކޮށް އެ ޕާޓީ "މަލެއްގެ ގޮތުގައި ފޮޅުވުން" ހުއްޓުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ކަންކަމުން އަރައިގަނެ ޖޭޕީ ކުރިއަށް ނުކުންނަން ވެއްޖެ ކަމަށާއި އެއީ މާ މޮޅުތަކެއް ވާނެ ކަމަކަށެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމުން އޭނާގެ ވާޖިބަކީ ސިޔާސީ މަސައްކަތް އިޚްލާސްތެރިކަމާ އެކު ރައްޔިތުންނަށްޓަކައި ކޮށްދެއްވުން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރި މީހެއްގެ ފޯމު، އެ ޕާޓީގެ ލީޑަރު ގާސިމާ ހަވާލުކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ގާސިމް ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް އޭނާ އަށް ވަރަށް ބޮޑު ގެއްލުމަކާއި ނިކަމެތި ކަމެއް ލިބޭ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގެނައުމަށް ޖުމްހޫރީ ޕާޓީގެ ހިއްސާ އޮތް ނަމަވެސް ކުރިމަތިލާން ޖެހުނީ ވެސް ވަރަށް ހިތްދަތި ކަންތައްތަކަކާ ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ގާސިމް: އޭނާ ވިދާޅުވަނީ ރިޔާސީ އިންތިޚާބަށް ކުރާ މަސައްކަތް ޖޭޕީން ހުއްޓާނުލާނެ ކަމަށް. --ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަަމަށް އަހަރެއް ފުރޭ އިރު އެފަދަ ނިކަމެތި ކަމެއް އޭނާ އަށް ލިބިވަޑައިގެންފައި ނުވާ ކަން ވަރަށް ސާބިތުކަމާ އެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
"މާދަމާ ކަން ވާނެ ގޮތެއް ނޭނގެ، އެއީ ފަރުދާގެ އަނެއް ފަރާތް. އަޅުގަނޑު ޔަގީންކުރަނީ އިބްރާހިމް މުހައްމަދު ސޯލިހް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ވިސްނުމެއް، މިސްރާބެއް ނެތް ނަމަ، އެ ޕާޓީއާ އެކު ސިޔާސީ މަސައްކަތް ކުރާނެ ބަޔަކު ނުތިބޭނެ އެވެ. އެހެންވެއްޖެ ނަމަ އެ ޕާޓީގެ ބޭނުމަކީ ވެސް ކޮބައިތޯ ސުވާލުއުފެދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އިންތިޚާބަށް "ފޮޅުވާ މަލަކަށް" ޖޭޕީ ނުހެދޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ