ދުއާ ކުރަންވީ ޔޫސުފް ފަދަ ތަރިއެއް ލިބުމަށް: ގާސިމް

މުސްލިމް ކޮންމެ މަންމައަކާއި ބައްޕައަކު ދުއާ ކުރަންވީ އުމުރުން އެންމެ ހަ އަހަރުގައި ގުރުއާން ހިތުދަސް ކުރި ޔޫސުފް ބިން މާޒިން ފަދަ އަލިގަދަ ތަރިއަކަށްވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫސުފް ދިރިއުޅޭ ގެއަށް މިއަދު ގާސިމް ވަޑައިގެން އެ ކުއްޖާއާ ބައްދަލު ކުރައްވައި، އޭނާ ވަނީ ވިލާ ފައުންޑޭޝަންގެ ފަރާތުން ހާއްސަ ހަދިޔާއެއް ދެއްވައިފަ އެވެ. އަދި ޔޫސުފްގެ ބައްޕަ މާޒިން ހުސެއިނާއި މަންމަ އުންމުހާނީ އިބްރާހިމާ ގާސިމް ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ގާސިމް ވިދާޅުވީ ކޮންމެ ދިވެހި މުސްލިމް މަންމައަކާއި ބައްޕައަކު ކީރިތި ﷲ އަށް ދެ އަތް އުފުލަންވީ ޔޫސުފް ފަދަ ތަރިއެއް މިންވަރު ކުރައްވާތޯ ކަމަށެވެ.
"މިއަށް ވުރެ މޮޅު ވަނައެއް ނުލިބޭނެ. އެއީ ގުރުއާން ހިތުދަސް ކުރުން،" ޔޫސުފަށް ހިތްވަރު ދެއްވަމުން ގާސިމް ވިދާޅުވި އެވެ.
ވިލާ ފައުންޑޭޝަންގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި ގޮތުގައި ކޮންމެ ދިވެއްސަކު ވެސް މަސައްކަތްކުރަން ޖެހޭނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ފައިތިލަ ސާބިތު ކުރެވޭތޯ އެވެ. އޭގެ ފަހުގައި، ގާސިމް ވަނީ ޔޫސުފް ގުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރި ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ.
ގާސިމް އިބްރާހިމް މިއަދު ޔޫސުފާ ބައްދަލުކޮށް ހަދިޔާ ދެއްވަނީ. --- ފޮޓޯ: މިހާރު
ގާސިމް ވިދާޅުވީ އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ ކީރިތި ގުރުއާން ކިޔެވުން ކަމަށްވާ އިރު، އެ ފޮތް ހިތުދަސް ކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ގާސިމް ވަނީ ގުރުއާން ކިޔެވުމުގައި ދެމިހުރުމަށް ޔޫސުފްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަދި ޔޫސުފްގެ މަންމަ އާއި ބައްޕަގެ ބުރަ މަސައްކަތަށް ގާސިމް ޝުކުރު ދެންނެވި އެވެ.
ޔޫސުފަށް ލިބިފައި ހުރި ބައެއް ޓްރޮފީތައް
އަމިއްލަ ޕްރީ ސްކޫލް، ދޮންދޫނީގައި ކިޔަވަމުން އަންނަ އުމުރުން ހަ އަހަރުގެ ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފެށީ ބޭބީ ނާސަރީގަ އެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި ދެ ފޮތް ދަސްކުރި އެވެ. އެލްކޭޖީގައި ފަސް ފޮތް، އޭގެ ފަހުން މިއަހަރު ޔޫކޭޖީގައި 22 ފޮތް ހިތުދަަސްކުރި އެވެ.
ޔޫސުފް، ގުރުއާން ހިތުދަސް ކުރުމާ ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ބައްދަލު ކުރައްވައި ހިތްވަރު ދެއްވައިފަ އެވެ.
ޔޫސުފް ގުރުއާން ހިތުދަސްކުރި ނަމަވެސް ހާފިޒު ކަމުގެ ސަނަދު ލިބޭނީ ގުރުއާނާ ބެހޭ މަރުކަޒުގައި އޮންނަ އެކަމަށް ޚާއްސަ ކޮމެޓީއަކަށް ގުރުއާން އެއްކޮށް ކިޔައިދިނުމުންނެވެ. ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން ޔޫސުފްގެ މަންމަގެ ގުރުއާން ކިޔެވުމުގެ ހުނަރު ފާހަގަވި އެވެ. ޔޫސުފް ގުރުއާން ހިތުދަސްކުރުމަށް އޭނާގެ މަންމަގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ