ޕާކިސްތާނުން އިސްރާއީލާ އެކު ގުޅުން ބާއްވަމުންދާ އިރު ރާއްޖެ އިން އެކަން ނުކޮށް ފަހަތުގައި އޮންނަން ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން 2007 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އަރިހުގައި ވިދާޅުވި ކަމަށް ވިކިލީކްސް އިން އާއްމުކޮށްފައިވާ އެމެރިކާގެ މެސެޖަކުން ހާމަވެއްޖެ އެވެ.
"އެކަން ކުރުމާ މެދު އޭނާގެ ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ޝަހީދު ވިދާޅުވި. ޕާކިސްތާނުން އިސްރާއީލާ އެކު އިސްވެ ގުޅުން ގާއިމްކޮށްފައިވާ އިރު ދިވެހިރާއްޖެ އިން ]އެކަން ނުކޮށް[ ފަހަތުގައި އޮންނަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށް ރައީސް ގައްޔޫމު ވިދާޅުވިކަން އޭނާ ފާހަގަ ކުރައްވާ،" ވިކިލީކްސް އިން އާއްމުކުރި މެސެޖްގައިވެ އެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވާފައިވާ އެމެސެޖްގައި ވަނީ އިސްރާއީލާ އެކު ފުރަތަމަ ކުދިކުދި ޑިޕްލޮމެޓިކް ގުޅުންތައް ބާއްވަމުން ގޮސް އެގައުމާއި ރާއްޖެއާ ދެމެދު ފުރިހަމަ ގުޅުން ގާއިމް ކުރުމަށް ސްރީލަންކާގައި ހުންނަވާ އެމެރިކާގެ އެމްބެސެޑަރު ރޮބަޓް ބްލޭކް، ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދަށް ހިތްވަރު ދެއްވާފައިވާ ކަމަށެވެ. އެމެރިކާ އެމްބެސެޑަރު ޑރ. ޝަހީދު އަރިހުގައި އެ ވާހަކަ ދެއްކެވީ އެ އަހަރުގެ ޖެނުއަރީ މަހު ޑރ. ޝަހީދު ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީއަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ވެސް އެމެސެޖްގައިވެ އެވެ.
ވިކިލީކްސް އިން އާއްމުކުރި މެސެޖްގައި އިތުރަށް ބުނެފައިވާ ގޮތުގައި އެމެރިކާގެ އެމްބެސެޑަރު ވަނީ އެކަމާ މެދު އިންޑިޔާގައި ހުންނަވާ އިސްރާއީލްގެ އެމްބެސެޑަރު ޑޭވިޑް ޑެނިއެލީއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
މެސެޖްގައިވާ ގޮތުން ސަރުކާރުން އެކަން ކުރަން ބޭނުން ވިޔަސް ސަރުކާރުގެ ބައެއް ވަޒީރުން ވެސް އެކަމާ ދެކޮޅު ހައްދަވާ ކަމަށް ޝަހީދު ވަނީ އެމެރިކާ އެމްބަސީއަށް މައުލޫމާތު ދެއްވާފަ އެވެ. އަދި އެކަން ވެގެން ދާނީ އާއްމުންނަށް ވަރަށް ސެންސިޓިވް މައްސަލައަކަށް ކަމަށް ވެސް އޭނާ ވިދާޅުވެފައިވާ ކަމަށް އެމެސެޖްގައިވެ އެވެ.
މެސެޖްގައިވާ ގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހު އޭރު އޮތް ގޮތުން ރަސްމީ ސިފައެއްގައި އިސްރާއީލާ އެކު ގުޅުން ގާއިމް ކުރުމަށް އެއްވެސް މައްސަކަތެއް ކުރަން ދިވެހި ސަރުކާރުން ބޭނުމެއް ނުވެ އެވެ. ނަމަވެސް ޑރ. ޝަހީދަކީ މޮޑަރޭޓް އަދި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އިސްރާއީލާ ގުޅުން ބަދަހި ކުރުމުގެ ފައިދާތައް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އެލިއުމުގައިވެ އެވެ. އަދި އިސްރާއީލާ އެކު ސިއްރު ގުޅުންތައް ބޭއްވުމުގައި ޑރ. ޝަހީދަށް މައުމޫންގެ ތާއިދު ލިބިވަޑައިގަންނަވާ ކަމަށް ވެސް މެސެޖްގައިވެ އެވެ.
ޕާކިސްތާނުން އިސްރާއީލާ އެކު ގުޅުން ބާއްވާއިރު ރާއްޖެ ފަހަތުގައި އޮންނަން ބޭނުން ނުވާކަމަށް މައުމޫން ވިދާޅުވި: ވިކިލީކްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ