ކޯޓުން އެންމެ ލާރިއެއް ވެސް ނުދޭ ކަމަށް ތިނަދޫ މައްސަލައިގައި ދައުވާ ލިބޭ މީހުން ބުނެފި

ތިނަދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދާ ދުވަސް ދުވަހު ކުރަންޖެހޭ ޚަރަދަށް ކޯޓުން އެންމެ ލާރިއެއްވެސް އަދި ދީފައި ނުވާކަމަށް އެމައްސަލައިގައި ދައުވާ ލިބޭ މީހުން ބުނެފިއެވެ.
މިއަދު ވަގުތަށް މައުލޫމާތު ދެމުން އެމައްސަލައިގައި ދައުވާ ލިބޭ ބަޔަކު ބުނީ، ކުރަން ޖެހޭ ހޭދަތައް އަންގައިދޭ ބިލްތައް ކޯޓަށް ހުށަހަޅަން އަންގާފައިވާ ކަމަށާއި، މިހާތަނަށް އަދި ހޭދަވި ފައިސާގެ އެއްވެސް މިންވަރެއް ނުލިބޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ބިލްތައް ހުށަހެޅުމުން ފައިސާ ހަމަޖެހޭނެ ކަމުގައި ކޯޓުން ބުނާ ކަމަށް އެމީހުން ބުންޏެވެ.
އެމީހުން ބުނީ ދައުވާ އުފުލާފައިވާ އެއްވެސް މީހަކަށް މިވީހާތަނަށް ފައިސާ ދީފައި ނުވާކަމަށެވެ.
"ކޮންމެ ދުވަހަކުވެސް ބުނޭ ހަމަޖެހޭނެޔޭ. އެކަަމަކު އަދި އެއްވެސް މީހަކަށް އެންމެ ލާރިއެއްވެސް ނުދޭ" ދައުވާ ލިބޭ އެކަކު ބުންޏެވެ.
ދައުވާ ލިބޭ މީހުން މިހެން ބުނެފައި ވާއިރު، ކްރިމިނަލް ކޯޓުން ވަނީ ޝަރީޢަތް އޮންނަ ކޮންމެ ދުވަހު މިމައްސަލައިގައި ހިމެނޭ 89 މީހުންގެ ކެއުމާއި، ހުރުމުގެ އިތުރުން ދެކޮޅު ޓިކެޓުގެ ޚަރަދުވެސް ދޭން ޖެހެނީ ކޯޓުން ކަމުގައި ބުނެފައެވެ.
"އެންމެ ލާރިއެއްވެސް ދީފަ އޮތް ނަމަ އެންމެ ރަނގަޅު އެހެން ބުނަން. މިތާ ނޫޅޭނެ ކޯޓުން ލާރިއެއް ދިން އެކަކު ވެސް." ކޯޓުން އެހެން ބުނެފައި ވާތީ އެކަމާ ނުރުހުން ފާޅު ކުރަމުން ދައުވާ ލިބޭ އިތުރު މީހަކު ބުންޏެވެ.
އަދި ޝަރީޢަތަށް ހާޒިރުވުމަށް އެމީހުންގެ އަމިއްލަ ޖީބުން މިހާތަނަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައި ވާނެ ކަމަށާއި، އެފައިސާ ނުލިބޭ ކަމަށް އެކަކު ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުން މީގެ ކުރިން ބުނެފައި ވަނީ މިމީހުންގެ ކެއުމާ ހުރުމުގެ ޚަރަދަށް ޝަރީޢަތް އޮންނަ ކޮންމެ ދުވަހަކު 32930 ރުފިޔާ ޚަރަދު ކުރަން ޖެހޭ ކަމަށާއި، 89 މީހުންގެ ދެކޮޅު ޓިކެޓަށް 66،750 ރުފިޔާ ޚަރަދު ވާކަމަށް ބުނެފައެވެ.
ނަމަވެސް މިއަދު ދައުވާ ލިބޭމީހުން ދެއްކި ވާހަކަތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ