ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ތިން ވަނަ ފަހަރަށް ކުރި އިއުލާނުގެ މުއްދަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވި އިރު މައުމޫން ހަމީދާއި އިތުރު ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޕީޖީގެ މަގާމަށް ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި ހަތަރު ގާޒީއަކު ހިމެނިވަޑައިގަންނަވަ އެވެ. އެ ގާޒީންނަކީ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިނާއި ޑްރަގް ކޯޓުގެ ދެ ގާޒީން ކަމުގައިވާ މަހާޒު އަލީ ޒާހިރާއި އަބްދުއްސައްތާރު އަބްދުލް ހަމީދުގެ އިތުރުން ބ. ހިތާދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމު ކުލްސޫމް އަބޫބަކުރެވެ.
ގާޒީންގެ އިތިރުން އެ މަގާމަށް ކުރިމަތިއްލައްވާފައިވާ ބޭފުޅުންނަކީ ޕީޖީ އޮފީހުގެ ގާނޫނީ ވަކީލެއް ކަމަށްވާ އާއިޝަތު ފަޒުނާ އަހްމަދާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ދެތިން ދުވަހެއްގެ ތެރޭގައި ނަންފުޅުތައް ބެއްލެވުމަށް ފަހު މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޖީގެ މަގާމަށް އައްޔަން ކުރަންފެނިވަޑައިގަންނަވާ ނަންފުޅެއް މަޖިލީހަށް ފޮނުވުމުގައި އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ނުބައްލަވާނެ ކަމަށާއި ބައްލަވާނީ އެބޭފުޅެއްގެ ގާބިލު ކަމަށް ކަމަށެވެ.
"ވަކި އާއިލާތަަކަށް ނިސްބަތްވީތީވެ ވަކި ނަސަބާއި ހަސަބުން އައިސްފަހުރީތީވެ އެ ފަރާތެއްގެ ގާބިލުކަމާ މެދުގައި ހަމަގައިމު ވެސް ރައީސުލްޖުމްހޫރިއްޔާ ސުވާލެއް ނުއުފައްދަވާނެ. އެހެންވީމާ މި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ނަންފުޅެއްކަމުގައި ވިއަސް [ފޮނުއްވާނެ]. ވަރަށް ކުޑަ މުޖުތަމައުއެއް އަޅުގަނޑުމެނަކީ، ދުރުތާ ތިމާގެ މީހުން އަޅުގަނޑުމެން އެންމެނަކީ. އެހެންވީމާ މަގާމަކަށް ބޭފުޅަކު އައްޔަން ކުރަންވީމާ އާއިލާގެ ބޭފުޅަކަށްވާތީވެ، ނުވަތަ ވަކި ގެއެއްގެ ބޭފުޅަކަށްވާތީވެ ނުވަތަ ވަކި ބޭފުޅަކާ ވާހަކަދައްކަވާ ގުޅުންބަދަހި ބޭފުޅަކަށްވާތީއެއް ނޫން މި ފަދަ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަން ކުރައްވަމުން ގެންދަވަނީ،" މުއާ ވިދާޅުވި އެވެ.
ހުސްވެފައިވާ ޕީޖީގެ މަގާމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުން މަޖިލީހަށް ފޮނުއްވެވީ މައުމޫން ހަމީދުގެ ނަންފުޅެވެ. ނަމަވެސް އެ ނަންފުޅު މަޖިލީހުން ވަނީ ފާސްނުވެފަ އެވެ. އަދި ދެ ވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ތިން ބޭފުޅުންނެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިން ވަނަ ފަހަރަށް އެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލާފަ އެވެ. އަދި އެ ދެން ޕީޖީއަކަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވާނީ ދެން ފެށޭ އާދައުރުގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މައުމޫން ހަމީދުގެ އިތުރުން ހަތަރު ގާޒީ އަކު ޕީޖީ ކަމަށް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ