މަޖިލީހުގެ ރައީސް ކަމަށް ގާސިމް ކުރިމަތިލައްވަން ޖޭޕީން ފާސްކޮށްފި

މަދާމަ ފައްޓާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކުރިމަތިލެއްވުމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ފާސްކޮށްފި އެވެ.
ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު މިއަދު ވިދާޅުވީ ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަކީ ސަރުކާރު ޕާޓީއާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމަށް ގައުމީ ހިންގާ ކޮމެޓީން ނުދެކޭ ކަމަށް މިއަދު ބޭއްވި އެ ޕާޓީގެ ހިންގާ ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ.
"އަށާރަ ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ކުރިމަތިލެއްވުމަކީ ޖުމްހޫރީ ޕާޓީން ފުރިހަމަ އަށް ތާއިދުކުރާ ކަމެކެވެ. މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަކީ ކޯލިޝަން އެއްބަސްވުމުގައި ހިމެނިފައިނުވާ ކަމަކަށްވާ އިރު އެ މަގާމަށް ކުރިމަތިލެއްވުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ގައުމީ ހިންގާ ކޮމެޓީން ނުދެކެމެވެ." ގައުމީ ހިންގާ ކޮމެޓީގެ ނިންމުމަށް ހަވާލާދެއްވާ ސަމީރު ވިދާޅުވި އެވެ.
ހަމަ އެހެންމެ އިންތިހާބުތަކަށް ކުރިމަތިލުމަކީ ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާ އިރު އެކަމާ ގުޅިގެން ކޯލިޝަނުން ވަކިވާނެ ކަމަށް ޕީޕީއެމް އިން ބުނުމަކީ ހިތާމަކުރާ ކަމެއް ކަމަށް ވެސް ހިންގާ ކޮމެޓީގެ ނިންމުމުގައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާ ގުޅިގެން ކޯލިޝަނުން ޖޭޕީ ވަކިކޮށްފި ނަމަ އެއީ ބޭއިންސާފުން ހިންގާ އަނިޔާވެރި އަމަލެއްގެ ގޮތުގައި ދެކޭނެ ކަމަށް ވެސް އެ ނިންމުމުގައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އަދި އެފަދަ ކަމެއް [ކޯލިޝަނުން ވަކިކޮށްފި ނަމަ] އެކަން ވާނީ އިންސާފާއި ހައްގުގެ މަގުން އެއްކިބާވެގެން ހިންގާ އަނިޔާވެރި އަމަލެއް ކަމަށް ގައުމީ ހިންގާ ކޮމެޓީން ދެކޭ ކަމަށް،" ސަމީރު ވިދާޅުވި އެވެ.
ޖޭޕީގެ ސްޕޯކްސް ޕާސަން އިމާދު ސޯލިހު ވިދާޅުވީ މަޖިލިސް ރައީސް ކަމަށް ގާސިމް ކުރިމަތިލެއްވުމަކީ ކޯލިޝަނަށް އެއްވެސް ބުރޫލެއް އަރާނެ ކަމެއް ކަމަށް ޖޭޕީން ނުދެކޭ ކަމަށެވެ.
ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވައިފި ނަމަ ކޯލިޝަނުން ޖޭޕީ ވަކިކޮށް، ޖޭޕީގެ ފަރާތުން ސަރުކާރުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކި ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ކައުންސިލުން ވަނީ ރޭ ނިންމާފަ އެވެ. އަދި ގާސިމް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައް ވަނީ ޕީޕީއެމް އަށް އިތުބާރު ނުކުރެވޭތީ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް މިރޭ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ