ހަކަތައިގެ ބޮޑު މަޝްރޫޢު "ފިފްތް ޕަވަރ ޕްރޮޖެކްޓް"ގެ ދަށުން ކަރަންޓް ދޭން ތައްޔާރުވަނީ

މާލެ ސަރަހައްދުގައި ކަރަންޓުގެ ޙިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ހަކަތައިގެ ބޮޑު މަޝްރޫޢެއް ކަމަށްވާ "ފިފްތް ޕަވަރ ޕްރޮޖެކްޓް"ގެ ދަށުން އަންނަ ނޮވެމްބަރު މަހު ކަރަންޓް ދޭން ފަށާނެކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން ބަހައްޓާ އިންޖީނުތަކުގެ ތެރެއިން އެއް އިންޖީނު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭނުންކުރަން ފަށާނެކަމަށާއި، އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
އަދި މި ޕްރޮޖެކްޓްގެ ދަށުން މި ނޮވެމްބަރުމަހު ކަރަންޓު ދޭން ފެށުމުން މާލޭ ސަރަހައްދުގައި ދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނޭ ކަމަށާއި، އިންޖީނު އޯވަރލޯޑްވުން ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
މާލެއާއި ހުޅުމާލޭގެ ކަރަންޓްގެ ވިއުގަ އެއްވިއުގައަކުން ގުޅާލުމަށް 79 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް ކޯޕަރޭޝަނާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢެކެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން 50 މެގަވޮޓްގެ ކަރަންޓް އުފައްދާ އިންޖީނުގެއަކާއެކު ތެޔޮ ރައްކާކުރާ ނިޒާމަކާއި، ލޮނުފެން މީރުފެނަށް ބަދަލުކުރާ ނިޒާމެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ކަރަންޓް ފޯރުކޮށްދޭނީ ހުޅުމާލެއަށެވެ. އޭގެ ފަހުން މާލެއާ ހުޅުލެއާ ދެމެދު އަޅަމުންދާ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ ޒަރިއްޔާއިން މާލެއާއި ހުޅުމާލޭގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލާއި، އެ އިންޖީނުގެ މެދުވެރިކޮށް މާލެއަށްވެސް ކަރަންޓު ފޯރުކޮށްދޭނެއެވެ.
މި ޕްރޮޖެކްޓްގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން އިފްތިތާޙްކޮށްދެއްވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ