"ސުޕްރީމް ކޯޓުގެ ޙުކުމުން އަމިއްލަ މެމްބަރުން އިސްތިސްނާ ނުވޭ"

ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން، އަމިއްލަ ގޮތުން މަޖިލިހަށް ހޮވުނު މެމްބަރުން އިސްތިސްނާ ނުވާކަމަށް ދަޢުލަތުން މިއަދުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުން ހޮވުނު މެމްބަރުންނެކޭވެސް އެއްގޮތަށް އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުންގެ މައްޗަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމް ހިނގާނެ ކަމަށެވެ.
ޕީޕީއެމާ ފަހުން ގުޅުނު ލަތީފު، މެމްބަރުކަމަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވައިގެންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކީ ޕާޓީތަކުގެ ޓިކެޓްގައި ހޮވޭ މެމްބަރުން ޕާޓީ ބަދަލު ކުރުން މަނާ ކުރާ ހުކުމެއް ކަމަށާއި އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މައްޗަށް އެ ހުކުމުގެ އުސޫލެއް ނުހިނގާނެ ކަމަށް ލަތީފުގެ ވަކީލުން ފާހަގަކުރިއެވެ.
އެ ނުކުތާއަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ އަމިއްލަ ގޮތުން ހޮވޭ މެމްބަރުންގެ މައްޗަށް އެ ހުކުމުގެ އުސޫލު ނުހިނގާ ގޮތަށް އޮވެއްޖެ ނަމަ އެކަން ވެގެންދާނީ އެ ހުކުމުގެ މަގްސަދު ގެއްލޭނެ ކަމެއް ކަމަށެވެ. އަމިއްލަ ގޮތުން މަޖިލީހަށް ހޮވުމަށް ފަހު އެކި ޕާޓީތަކަށް ބަދަލުވުމުގެ ފުރުސަތު މެމްބަރުންނަށް ދެވިގެން ނުވާނެ ކަމަށާއި އެހެންވެ، އަމިއްލަ ގޮތުން ހޮވުނަސް ހުކުމް އައިއިރު އެ މެމްބަރަކު ހުރި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް މާޝާ ވިދާޅުވި އެވެ.
އެ މައްސަލާގައި ލަތީފަށް ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ޕާޓީން ވަކިވާން ހުށަހަޅާފައި އޮތް އޮތުމާ ގުޅިގެން ދައުލަތުން ބުނި ގޮތުގައި ޕާޓީއަކުން މީހަކު ވަކިވި ކަމަށް ބެލެވޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެ ޕާޓީއެއްގެ ދަފްތަރުން އެ މީހެއްގެ ނަން އުނި ކުރާ ހިސާބުންނެވެ. އަދި ޕާޓީއަކުން ވަކިކޮށްދޭން އެދި ފުރަތަމަ އެދެން ޖެހޭނީ އެ ޕާޓީއެއްގައި ކަމަށާއި ކޮމިޝަނުން އެކަން ކޮށްދޭނީ 14 ދުވަސް ތެރޭގައި ޕާޓީން އެކަން ކޮށް ނުދީފި ނަމަ ކަމަށް ދައުލަތުން ބުންޏެވެ. ކޮމިޝަނުން އަމިއްލަ އަށް ޕާޓީއަކުން މެމްބަރަކު ވަކިކޮށްދޭނީ އެކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ވެސް ދައުލަތުން ބުންޏެވެ.
މިމައްސަލާގައި މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ވާހަކަތައް ދެ ފަރާތުން ދައްކަން ބޭނުންވާ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ.
ލަތީފާ އެކު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި އިތުރު ތިން މެމްބަރެއްގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ