ހުއްދަނެތި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެގެން ފަސް އަހަރަށް ޖަލަށްލުމަށް މިސްރުގެ ކޯޓަކުން ހުކުމްކުރި 47 މީހެއްގެ ހުކުމް މިސްރުގެ އިސްތިއުނާފީ ކޯޓުން ބާތިލް ކޮށްފިއެވެ.
ޖަލަށްލުމުގެ ހުކުމް އިސްތިއުނާފީ ކޯޓުން ބާތިލްކުރި ނަމަވެސް، އެއިން ކޮންމެ މީހަކު 11000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފީ ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.
މި 47 މީހުންނަކީ، މިސްރުގެ ރަތްކަނޑުގެ ދެ ރަށެއް ސައުދީ އަރަބިއްޔާއާ ހަވާލުކުރުމަށް މިސްރު ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް މިއަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ގާހިރާގެ މަގުތަކަށް ނުކުތް މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އެ މުޒާހަރާއާ ގުޅިގެން 150 މީހަކު ޖަލަށް ލުމަށް މި މެއިމަހުގެ މެދުތެރޭގައި މިސްރުގެ ކޯޓަކުން ހުކުމް ކޮށްފައި ވެއެވެ.
ޖަލު ހުކުމް ބާތިލްކުރި މީހުން ކޯޓްގައި ތަމްސީލުކުރި ވަކީލު މުޚްތާރް މުނީރްވަނީ، 100،000 މިސްރު ޕައުންޑް ($11,260) އިން ކޮންމެ މީހަކު ޖޫރިމަނާ ކުރުމަށް އިއްވާފައިވާ ހުކުމް އިސްތިއުނާފީ ކޯޓުން ދެމެހެއްޓުމުން އެކަން ކުށްވެރި ކޮށްފައެވެ. އޭނާ ބުނީ، ޖަލުން މިނިވަން ކުރުމުގެ ކުރިން ޖޫރިމަނާގެ ހަތަރުބައިކުޅަ އެއްބައި ދެއްކުމަށް ކޯޓުން އަންގާފައިވާ ކަމަށެވެ. އެ އަދަދު ނުދެއްކޭނަމަ ތިންމަސް ދުވަހު ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
"މާނައަކީ، އެމީހުންނަށް އެމީހުންގެ މިނިވަންކަން ފައިސާ ދީފައި ގަންނަން ޖެހުން" ގާނޫނީ ވަކީލު މުނީރް ބުންޏެވެ. އޭނާ ބުނީ މިމައްސަލަ އަލުން އިސްތިއުނާފަށް ހުށަހަޅާނޭ ކަމަށެވެ.
މިސްރުގައި ދީމިގްރާތީ ހަމަތަކުގެ މަތިން ފުރަތަމަ އިންތިޚާބު ކުރެވުނު ރައީސް މުހަންމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރު ވައްޓާލައި ވެރިކަމަށް ވަޑައިގެންނެވި އަބްދުލް ފައްތާހް އައްސީސީ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ދެކޮޅަށް އަނިޔާވެރިކަން އިސްކޮށް، ބާރުގެ ބޭނުން ކުރައްވައި އެމީހުން ނައްތާލަން މަސައްކަތް ކުރައްވާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ސީސީއާ ދެކޮޅަށް އަޑު އުފުލަމުން ގެންދެއެވެ.
ސައުދީ އަރަބިއްޔާއާ ހަވާލުކުރުމަށް ކަނޑައެޅި ދެރަށާ ބެހޭގޮތުން މިސްރު ސަރުކާރުން ބުނެފައިވަނީ، އެދެ ރަށަކީ އަބަދުވެސް ސައުދީ އަރަބިއްޔާގެ ދެރަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ، މިސްރުގައި އިންވެސްޓް ކޮށްދޭމަތިން ރައީސް ސީސީ އެދެރަށް ސައުދީ އަރަބިއްޔާއަށް "ވިއްކާލީ" ކަމަށެވެ.
47 މީހެއްގެ ޖަލު ހުކުމް މިސްރުގެ އިސްތިއުނާފީ ކޯޓުން ބާތިލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ