އަވަހަށް ފަރުވާ ހޯދާ! ނުރައްކާ ވަރަށް ބޮޑު

ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތަކަކީ ވަރަށް ނުރައްކާތެރި ބަލިތަކެވެ.
މިބަލިތަކުގެ އަލާމާތްތައް ބައެއް ފަހަރު ނުފެނި ވެސް ހިގައިދެއެވެ. މިފަދަ ހާލަތުގައި ބަލި، ހަށިގަނޑު ގައި އަށަގެންފައި ހުރިކަން ނޭގޭ ހިނދު އެހެންމީހުންނަށް ބަލި ފަސޭހައިން ފެތުރިގެންދާ ގޮތް މެދުވެރި ވެއެވެ. ގިނަ ފަހަރު މިބަލިތައް ޖެހެނީ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށް ކަމަށް ދިރާސާއިން ދައްކައެވެ. ފިރިހެނުންނަށް ބައެއް ބަލިތައް ޖެހޭ ނިސްބަތް މަތިއިރު އަނެއްބައި ބަލިތައް އަންހެނުން ޖެހޭ ނިސްބަތް އިތުރެވެ. މިފަދަ ބަލިތައް އިތުރަށް ފެތުރިގެން ދިއުމަށް މަގުފަހިވާ އަނެއް ސަބަބަކީ ބައްޔެއްގެ އަލާމާތެއް ފެނުނު ނަމަވެސް ގިނަބަޔަކު ޑޮކްޓަރުން ނުވަތަ ޞިއްހީލަފާ ދެއްވާ މީހެއްގެ މަޝްވަރާ ނުހޯދުމެވެ. މިކަމުގެ ސަބަބުން ބަލިތައް އިތުުރުވެ، ނުރައްކާތެރި ދަރަޖައަށް މީހާގެ ޞިއްޙީ ހާލަތު ބަދަލު ކުރުވައެވެ.
ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް މީހުން ގިނަ މުޖުތަމައު ގައި އިތުރުކަން ފާހަގަކުރެވެއެވެ. މާގިނަ މީހުން އެއްތަނެއްގައި އުޅެންޖެހުމަކީ އަޚްލާގީ މައްސަލަތައް ފެންމަތިވެ، މިފަދަ ބަލިތަކަށް މަގުފަހި ކުރުވާ ކަމެއްކަމަށް އެމެރިކާގެ ބެކަރ ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރުންގެ ޓީމް ބަފްލޯ މެޑިކަލް ގްރޫޕުން ބުނެއެވެ.
މި މުޖުތަމައަށް ބަލާއިރު ވަރަށް ގިނަ ބަޔަކު ދަނީ ، ބޭސްފަރުވާ ކުރުމަށާއި އެހެން ކަންކަމުގައި ބެންކޮކް، މެލޭޝިޔާ ފަދަ ގައުމުތަކަށް ޒިޔާރަތް ކުރަމުންއެވެ. ބެންކޮކް ފަދަ ގައުމުތަކަކީ ނިސްބަތުން މިފަދަ ބަލިތައް އިތުރުކަން ޚާއްޞަކޮށް އޭޑްސް ފަދަ ބަލިތައް ވަރަށް ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ގައުމުތަކެވެ. ހަމަމިހެން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޯޓުދަތުރުކުރުން ފަދަ ކަންކަމުގައި ގޮސް އުޅޭ ދިވެހިން އުޅެއެވެ. އެގޮތުން ބައިބޯ މީހުން، ގިނަތަންތާ މިފަދަ ބަލިތައް ފަސޭހައިން ފެތުރެމުންދާ އިރު، އިސްލާމްދީނާއި ޚިލާފުނުވާ ގޮތުގެ މަތީން ތިމާގެ ޖިންސީ އަމަލުތަކާއި އެހެނިހެން ކަންތައްތައް ބެހެއްޓުމަކީ މިފަދަ ބަލިތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ