ޕީޕީއެމްގެ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ނިންމައިފި އެވެ.
ހައި ކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ ސޮއިކުރައްވައި މިއަދު ލިޔުމުން މައުމޫނަށް އަންގަވާފައި ވަނީ، އެ ގަޒިއްޔާގެ ދައުވާ ބިނާކޮށްފައިވާ ކަންތައްތަކާ މެދު އެ ކޯޓުން ފައިސަލާކުރަނިވި ހުކުމެއްކޮށްފައިވާކަން އެނގެން އޮންނާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމާމެދު ހިތްހަމަނުޖެހިގެން އެ މައްސަލަ މައުމޫން ހައި ކޯޓަށް ހުށަހެޅުއްވީ މިމަހުގެ 20 ވަނަ ދުވަހު އެވެ، ނަމަވެސް މައުމޫނަށް ވުރެ ކުރިން އެ މައްސަލަ އެހެން މީހަކު އިސްތިއުނާފްކުރުމުން ހައި ކޯޓުން އެ މައްސަލަ ބަލައިގަނެ މިދިޔަ އާދީއްތަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
މައުމޫނާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ކުރި ހުކުމް ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރީ ޕީޕީއެމްގެ އަމިއްލަ މެމްބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އެނގިފައިވާ ވާފިރަކީ ވެސް، ރައީސް ޔާމީންގެ ފެކްޝަންގެ ބޭފުޅެކެވެ.
ހައި ކޯޓުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހުކުމް އިއްވެވުމުގެ ކުރިން، މައްސަލަ ބެލި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހެއްދެވި ކަން އެނގޭއިރު އެކަމަށް މަގްބޫލު އުޒުރެއް ދެއްކިފައި ނެތް ކަމަށެވެ. މައުމޫންގެ އެ އަމަލުތަކުގެ ސަބަބުން ޕީޕީއެމްގެ ހިންގުމަށް ހުރަސް އެޅިގެންދާއިރު އެ ހާލަތުގައި އެކަމަށް ކޯޓުން ހައްލެއް ހޯދައި ދެވިދާނެ ކަމަށާއި އެއީ ޕާޓީތަކުގެ ހިންގުމާ ކޯޓުތަކުން ބެހުން ކަމަށް ނުބެލެވޭނެ ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
އިސް ފަނޑިޔާރު އަބްދުﷲ ވިދާޅުވީ ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބާއްވަން މައުމޫން ދެކޮޅު ހައްދަވާއިރު އެ ހާލަތުގައި ޕާޓީ ހިންގުން ރައީސް ޔާމީނާއި ހަވާލު ކުރުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށެވެ. ސަބަބަކީ ބައްދަލުވުން ބާއްވަން ޕާޓީގެ ރައީސް ދެކޮޅު ހަދާއިރު ޕާޓީގެ ނައިބު ރައީސަކަށް ހުރި އަބްދުއްރަހީމް އަބްދުﷲ އެ މަގާމުން ވަކިކޮށްފައިވާތީ ބައްދަލުވުން ބޭއްވޭނެ އެހެން ގޮތެއް ނެތުމުން، އެކަމުގައި ޕާޓީއަށް އެންމެ މަސްލަހަތު ހުރި ގޮތަކީ ރައީސް ޔާމީނާއި ޕާޓީ ހިންގުން ހަވާލު ކުރުން ކަމަށް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
މައުމޫން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ