"ބޮޑު އާބާދީއަކަށް ބަލި ޖެހިއްޖެނަމަ ކަރަންޓީން ފެސިލިޓީއަކަށް ނުގެންދެވޭނެ"

ކޮވިޑް-19 އަށް ފައްސިވާމީހުން އެކަހެރިކޮށް، ކަރަންޓީން ފެސިލިޓީއަކަށް މިހާރު ބަދަލުކުރަމުން އައި ކަމުގައިވިޔަސް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ބޮޑު އާބާދިއަކަށް މި ބަލި ޖެހިއްޖެ ޙާލަތެއްގައި ކަރަންޓީން ފެސިލީޓީއަކަށް އެންމެ ބަދަލު ނުކުރެވޭނެ ކަމަށް، ޑރ އިބްރާޙިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ އަފްޒަލް މިހެން ވިދާޅުވީ، މި ބައްޔާއި ގުޅިގެން، މިޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން އަފްޒަލް ވިދާޅުވީ، އަބަދު މުޅި ޤައުމު ފުރަބަންދުކޮށްގެން ނުތިބެވޭނެ ކަމަށާއި، ކޮވިޑް އާއި އެކު ދިރިއުޅެންޖެހިފައިމިވާ ދަނޑިވަޅުގައި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ށ.ނަރުދޫއިން ކޮވިޑް-19 އަށް މީހަކު ފައްސިވުމާއި ގުޅިގެން، ޑރ އަފްޒަލް ވަނީ މިމަހުގެ 15 ވަނަ ދުވަހު، މާލެއިން ފުރި އަމާޒު ބޯޓުގައި ދަތުރުކުރި ހުރިހާ އެންމެން ރިޕޯޓު ކުރުމަށް، އެޗްޕީއޭއަށް ރިޕޯޓު ކުރުމަށްވެސް އެދިލައްވާފައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވި ކެޕްޓަނަކީ ނަރުދޫ މީހެކެވެ. ވަރަށް ބޮޑަށް ހުން އައިސްގެން މީގެ ހަތަރު ދުވަސް ކުރިން ނަރުދޫ ހެލްތްސެންޓަރަށް އޭނާ ދެއްކިއެވެ. ނަރުދޫ ހެލްތް ސެންޓަރުން އޭނާގެ މައުލޫމާތު އެޗްޕީއޭ އަށް ދިނުމުން އެޗްޕީއޭ އިން ވަނީ އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައެވެ. އޭނާގެ ސާމްޕަލް ނެގީ އިއްޔެއެވެ. އޭނާ ފައްސިވިކަން ކަށަވަރުވީ މިއަދު އެވެ.
ރާއްޖެއިން މިހާތަނަށް 141 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ، 69 ދިވެހިންނާއި، 72 ބިދޭސީންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 18 މީހަކު ވަނީ ރަނގަޅުވެފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ