ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ނަގައި، އެމައްސަލައިގެ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބް އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދެވިދާނެކަމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވިދާޅުވެފައިވާކަމަށެވެ. އަދި މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ލަފަޔާއެކު ކޮމިޝަނުން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބުދަ ދުވަހު އަނބުރާ ގެންގޮސްފައިވާކަމަށް އަކްރަމް ވިދާޅުވެއެވެ.
އިންތިޚާބު ފަސްކުރެވޭ ހާލަތްތަކުގެ ތެރޭގައި ސިއްހީގޮތުން ގައުމަށް ދިމާވާ ބޮޑެތި ކަންކަންވެސް ހިމެނެއެވެ. ކޮވިޑް-19 އާއި ގުޅިގެން ޑަބްލިޔުއެޗްއޯއިން ބަލިމަޑުހާލަތަކަށް ދުނިޔެ ހިނގައިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދެއްވާފައެވެ. މިއާއެކު ރާއްޖެއިންވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފައެވެ. އަދި ގިނަ މީހުން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިއުލާންކުރުމުން އެ ކޮމިޝަނުން ވަނީ ގާނޫނުން އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު ތާރީހު ކަމުގައިވާ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް އިންތިޚާބު ފަސްކޮށްފައެވެ.
އިލެކްޝަނުން ކޯޓުގައި އެދިފައިވަނީ ކޯވިޑް-19 އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަ ކުރުމުން އިންތިޚާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމަށްވެސް އެކޮމިޝަނުން ކޯޓުގައި އެދިފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނަގާ، ހައްލު ހޯދުމަށް މަޖިލިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ