ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް މެމްބަރު މޮސްޓާ

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަދި ކްލަބުގެ މަޝްހޫރު ސަޕޯޓަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހަމަޖައްސައިފި އެވެ.
ނިއުގެ ޗެއާމަންގެ މަގާމް ހުސްވީ ކުޅުންތެރިންނަށް މުސާރަ ނުދީގެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް، ނިކަމެތި ހާލަތެއްގައި ކްލަބް އޮއްވާ މިދިޔަ އަހަރުގެ މޭ މަހު އޭރުގެ ޗެއާމަން މުހައްމަދު ޒިޔާދު އިސްތިއުފާ ދެއްވުމުންނެވެ.
ޒިޔާދު އިސްތިއުފާ ދެއްވި އެއް ސަބަބަކީ، އެ ދަނޑިވަޅުގައި ކްލަބުގެ ޗެއާމަންކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކެއް ތިބި ކަމަށް ފެނުން ކަމަށް އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެހެންވެ ބެލެވުނީ އެއީ ކްލަބް އަލުން ނެގުމަށް ސަޕޯޓަރުންތަކެއް އޭރު އިސްވެ ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އޭނާ ނިންމެވި ނިންމެވުމެއް ކަމަށެވެ.
މޮސްޓާ އަކީ، ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބް އަލުން ކޮޅަށް ނަގަން އޭރު ތެދުވި ސަޕޯޓަރުންގެ ގްރޫޕުގެ އިސް އެއް މެމްބަރެވެ. އަދި ޒިޔާދު އިސްތިއުފާ ދެއްވުމުން ބޯޑުން، ބޯޑުގެ މެމްބަރުންނާއި ސަޕޯޓަރުން ހިމެނޭ ކޮމިޓީއެއް ނަގައި އެ ކޮމިޓީގެ ޗެއާމަނަކަށް ވެސް ހަމަޖެއްސީ މޮސްޓާ އެވެ. އޭރު އެ ކޮމިޓީން މަސައްކަތް ކުރީ މިހާރު ކުރިއަށްދާ ސީޒަނުގައި ކްލަބް ވާދަކުރެވޭނެ ގޮތް ހެދުމަށެވެ. އެކަމަކު ސީޒަން ފެށެން ކައިރިވެފައިވަނިކޮށް ޖޫން މަހު އެ މަސައްކަތް ހުއްޓާލީ އެވެ. ކްލަބުގެ އޮފިޝަލަކު އޭރު ބުނީ ދަރަނިތައް ހަލާސްކުރުމަށާއި ސީޒަނަށް ޓީމެއް އެކުލަވައިލަން ބޭނުންވާ ވަރަށް ފައިސާ ލިބެން ނެތް ކަމަށާއި ދަރަނިތައް އަދާކުރި ނަމަވެސް އެފްއޭއެމުން ސަސްޕެންޝަން އުވާލަފާނެ ކަމުގެ އުއްމީދެއް ވެސް ނެތް ކަމަށެވެ. ސަބަބަކީ އެފްއޭއެމުން ކްލަބަށް ދޭން ޖެހޭ ފައިސާ ވެސް ލިބޭނެ ގޮތެއް ނެތުން ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން ހަބަރެއް ނުވެ އޮތުމަށް ފަހު އަންނަ ސީޒަނުގައި ނިއު އަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ސަޕޯޓަރުންތަކެއް އިސްވެ ދާދި ފަހުން މަސައްކަތް ފެށީ އެވެ. މި ފަހަރު ވެސް އިސްކޮށް ހުންނެވީ މޮސްޓާ އެވެ. އެގޮތުން ރަމްޒީ ޖާޒީތަކެއް ގެނެސް، ކޮންމެ ޖާޒީއެއް 500ރ. މަގުން ވިއްކައި ކްލަބުގެ ދަރަނި ފިލުވަން ފައިސާ ހޯދަން އައީ މަސައްކަތްކުރަމުންނެވެ. އެހެންވެ ބެލެވެނީ މޮސްޓާ ކްލަބުގެ އެންމެ މަތީ މަގާމާ ހަވާލުވުމާ އެކު އެ މަސައްކަތްތައް ދެން ރަސްމީކޮށް ފަށާނެ ކަމަށެވެ. އެ ގްރޫޕުން ވަނީ ނިއުގެ ކުރީގެ ޗެއާމަން އަލީ އާޒިމާ ވެސް ދާދި ފަހުން ބައްދަލުކޮށްފަ އެވެ. އަދި އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ވެސް މަޝްވަރާކުރި އެވެ.
މޮސްޓާ ޗެއާމަނަކަށް ހަމަޖައްސައި ދެ މެމްބަރުން އިތުރުކޮށްފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހު މުއްދަތު ހަމަވާ ގޮތަށް އޮތް ކުރީގެ ބޯޑަށެވެ. ޒިޔާދު މިދިޔަ އަހަރު އިސްތިއުފާ ދެއްވުމުން ބޯޑުގެ ވައިސް ޗެއާމަނަކަށް ހަމަޖެއްސީ، ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި ސައްޔިދު އަލީ އެވެ. ނިއުގެ އަސާސީ ގަވާއިދު ބުނާ ގޮތުން މެމްބަރުންތަކެއް އިސްތިއުފާ ދީފި ނަމަ ދައުރު ހަމަވަންދެއް އެ މަގާމްތަކަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ޗެއާމަންގެ މަގާމް ފުރާ މީހަކަށް ލިބޭ ކަމަށެވެ. މޮސްޓާ ޗެއާމަނަކަށް ހަމަޖެއްސުމާ އެކު ސައްޔިދު އަލީގެ ނަން ޖަހާފައިވަނީ ވައިސް ޗެއާމަނަކަށެވެ. ބޯޑަށް ދެން އިތުރުކުރީ އެ ކްލަބުގެ ދެ ސަޕޯޓަރުން ކަމަށްވާ ޒަހީނުއްދީން ސައީދާއި އަހުމަދު ވާސިފެވެ.
ނިއު އަށް ސީޒަނުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ޖެނުއަރީ މަހު ކުއްލި ގޮތަކަށް އެ ކްލަބް ސަސްޕެންޑްކުރުމުންނެވެ. ނިއު އިން ތުހުމަތުކުރާ ގޮތުގައި އެ ކްލަބް ސަސްޕެންޑްކުރީ އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅަން އުޅޭތީ ކަމަށެވެ. ސަބަބަކީ ފުރަތަމަ ޑިވިޝަނުގެ ދެ ކްލަބެއް ފިޔަވައި ހުރިހާ ކްލަބަކުން މުސާރަ ނުދިނުމުގެ މައްސަލަތައް އެފްއޭއެމް އަށް ހުށަހަޅައި އޭގެ ތެރޭގައި ނިއު އަށް ވުރެ ގިނަ ދުވަސްވީ މައްސަލަތައް ހުއްޓާ އެ ކްލަބަށް ހަމައެކަނި އަދަބު ދިނުމެވެ. އެކަމަކު އެފްއޭއެމުން އެ ތުހުމަތުތައް ކަނޑައެޅިގެން ދޮގުކުރެ އެވެ.
ނިއު އިން އޭރު ބުނީ ސަސްޕެންޝަން އުވާލައިފި ނަމަ ފުރަތަމަ އިސްކަންދޭނީ ކުޅުންތެރިންގެ މުސާރަތައްދީ ދަރަނިތައް ހަލާސްކޮށް ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެލެވޭވަރުގެ ޓީމެއް ނެރެން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ސްޕޮންސަރުންނާއި އެހެނިގެން ގޮތްގޮތުން ފައިސާ ހޯދެން އޮތީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު އޮވެގެން ކަމަށްވާތީ ސަސްޕެންޝަން އުވާލައިދޭން ނިއު އިން އެދުނެވެ.
އެއާ އެކު މުސާރަ ދޭން އެފްއޭއެމްގެ ޕްލޭޔާސް ކޮމިޓީން އެ ކްލަބަށް މުހުލަތެއްދީ އަދި އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ހަލާސްކުރަން މަސައްކަތްކުރަމުން އަންނަނިކޮށް، އެފްއޭއެމްގެ ކޮންގްރެސް އިން ދެން އޮންނަ ކޮންގްރެސްގެ ނިޔަލަށް ސަސްޕެންޝަން ދެމެހެއްޓީ އެވެ.
ނިއު އިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ. އަފްގާނިސްތާން ޑިފެންޑަރު ހާރޫން އަމީރީ އަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707ރ. ދޭން ފީފާ އިން ވަނީ އަންގައިފަ އެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342ރ. ދޭން ޖެހެ އެވެ. މީގެ ތެރެއިން އަމީރީ އަށް ދޭން ޖެހޭ ފައިސާ ނުދޭހާ ހިނދަކު، ކުރިއަށް އޮތް ތިން ޓްރާންސްފާ ބާޒާރުގައި ނިއު އަށް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ.
ނިއު އަށް މާލީ މައްސަލަތައް ދިމާވީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކުރީގެ ކާނަލް ޒިޔާދު 2017 ވަނަ އަހަރު ނިއުއާ ހަވާލުވެ، މިހާތަނަށް އެއްވެސް ޗެއާމަނަކު އެއް ސީޒަނަކަށް ނުކުރާހާ ވަރުގެ ބޮޑު ހޭދައެއްކުރައްވައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވަނިކޮށް ކުއްލި ގޮތަކަށެވެ. އެގޮތުން 2018 ވަނަ އަހަރު އަހަރުގެ މެދަކާ ހަމައިން ކްލަބް އަޑިއަޅާލައި، ދުވަހަކު ވެސް ނުވެއްޓޭ ފަދަ ހާލަތަކަށް ދިޔައީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ