މެމްބަރު ނިޒާރު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މެމްބަރު އަލީ ނިޒާރު ފުލުސް އޮފީހަށް ހާޒިރުކޮށްފއިވަނީ މިއަދު 2:00 ގަ އެވެ.
މެމްބަރު އަލީ ނިޒާރު ވިދާޅުވީ އޭނާގެ މައްޗަށް މި ތުހުމަތު ކުރަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގެންނެވި މައްސަލާގައި ކަމަށެވެ. ނަމަވެސް އަލީ ނިޒާރު ވިދާޅުވީ ދައުލަތުގެ އެއްވެސް މުވައްޒަފެއްގެ ގާނޫނީ ވާޖިބަށް ހުރަސް އަޅާ މާރާމާރީ ހިންގާފައި ނުވާނެ ކަމަށާއި ނަމަވެސް ސަލާމަތީ ބާރުތަކުން އޭނާގެ ގާނޫނީ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ.
"މިދެން ހަމަ އަޅުގަނޑުމެންނަށް ބިރުދައްކަން ކުރާ ކަންކަން. މީގެ ކުރިން ބައެއް މެންބަރުންނަށް ދައުވާކޮށްފައި އޭރު އަތުނުވި މެންބަރުންނަށް މިހާރު ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބިރު ދެއްކުން މިއީ،" އަލީ ނިޒާރު ވިދާޅުވި އެވެ.
ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގެންނެވި ކަމަށް ބުނެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ މިހާރު ވެސް ކްރިމިނަލް ކޯޓުގައި ވަނީ 12 މެންބަރަކަށް އުފުލާފަ އެވެ.
މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމްގެ މައްޗަށް ރިޝްވަތު ދެއްވަން އުޅުމުގެ ދައުވާކޮށް މިހާރު ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް ވަނީ ރިޝްވަތު ދެއްވަން އުޅުމުގެ ދައުވާކޮށް ޝަރީއަތް ފަށާފަ އެވެ. މިވަގުތު ވެސް ޖަލުގައި ހުންނެވި ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ