އަގުހެޔޮ ކަރަންޓު ބިލް ލިބޭނީ އޭޕްރިލްއިން ފެށިގެން: ފެނަކަ

އަތޮޅުތެރޭގައި ފެނާއި ކަރަންޓުގެ ޚިދުމަތަށް ނަގާ އަގު މާޗް މަހުން ފެށިގެން މާލެއިންވެސް ނަގާ އަގާ އެއްހަމަކުރި ނަމަވެސް އަގުހެޔޮ ކުރި ކަަރަންޓާއި ފެނުގެ ބިލް ލިބޭނީ މާޗުން ފެށިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިގެ މާލޭ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ، ކަރަންޓު އަގުހެޔޮކުރުމުން އޭގެ ތަފާތު ފެންނާނެ ކަމަށެވެ. " ކޮންމެ އަހަރަކުވެސް މާޗް އެޕްރީލް މޭމަހުގައި ބިލް ބޮޑުވެގެން ކަސްޓަމަރުން އެވާހަކަ ދައްކަވާ. ބިލް ބޮޑުވަނީ އާންމުކޮށްވެސް ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވާތީ. އެކަމަކު މިފަހަރު އަޅުގަނޑު ޔަގީންކަން އަރުވަނީ ހޫނު ކިތަންމެ މަތިވެގެން ދިޔަ ނަމަވެސް ކަސްޓަމަރުންގެ ބިލުން ކުޑަވުން ފެންނާނެޔޭ،" ނަޖާހު ވިދާޅުވިއެވެ. ފެނަކައިން ކަރަންޓަށް ގެނައި ބަދަލުތައް 1-100 ޔުނިޓަށް 3 ރުފިޔާއިން 1.50 ރުފިޔާ 200-101 ޔުނިޓަށް - 3.30 އިން 1.70 ރުފިޔާ 201-300 ޔުނިޓަށް - 3.40 އިން 2.15 ރުފިޔާ 301-400 ޔުނިޓަށް - 3.50 އިން 2.15 ރުފިޔާ 401-500 ޔުނިޓަށް - 5.50 އިން 4 ރުފިޔާ ފެނަކައިން ވަނީ މިއަހަރުގެެ ޖެނުއަރީމަހުން ފެށިގެން އަތޮޅުތަކުގައި ފެނުގެ ހިދުމަތްދޭ އަގުތައްވެސް މާލެއާ އެއްވަރަށް ކުޑަކޮށްފައެވެ. އެގޮތުން، ކުރިން އަތޮޅުތެރޭގައި ސުން ލީޓަރުން 100 ލީޓަރާ ހަމައަށް ނަގާ 66 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 22 ރުފިޔާ ކަމަށާއި، 101 ލީޓަރުން 200 ލީޓަރާ ހަމައަށް ކުރިން ނަގާ 75 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 70 ރުފިޔާ ކަމަށް ނަޖާހު ވިދާޅުވިއެވެ. އަދި 200 ލީޓަރުން މައްޗަށް ކުރިން ނަގާ 100 ރުފިޔާގެ ބަދަލުގައި މިހާރު ނަގާނީ 95 ރުފިޔާ ކަމަށްވެސް ނަޖާހު ވިދާލުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ