ކިތަންމެ އަނިޔާއެއްދީ، ތަކުލީފު ޖެއްސިޔަސް ފަހަތަކަށް ނުޖެހޭނަން: ގާސިމް

ކިތަންމެ އަނިޔާއެއްދީ ކިތަންމެ ތަކުލީފެއް ޖެއްސި ނަމަވެސް އިސްލާހީ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހުމުގެ އަޒުމުގައި ހުންނެވި ކަމަށާއި އިހުލާސްތެރިކަމާއެކު ރައްޔިތުންނާއެކު ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވީ މާދަމާ ފަށާ އާ އަހަރުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.
ތިން އަހަރުގެ ޖަލު ހުކުމާއެކު ވަޑައިގެން ޖަރުމަނުގައި ހުންނެވި ގާސިމް ވިދާޅުވީ ނަސީބު ކަން ދިމާ ކުރި ގޮތުން ރާއްޖެއާއި ކިތަންމެ ދުރެއްގައި ހުންނަން ޖެހުނު ނަމަވެސް ދިވެހިންގެ އުންމީދުތަކާ ހުވަފެންތައް ހަގީގަތަކަށް ހަދައި ދިނުމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ވަރަށް ކައިރީގައި ހުންނެވި ކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ މިއަދު ކޮންމެ ފަރުދަކު ވެސް ދެކެން ބޭނުންވަނީ ރާއްޖެ ވެއްޓީފައިވާ ނުތަނަވަސް ވަޅުގަނޑުން އަރައިގަނެވުން ކަމަށެވެ. ނުހައްގު އަނިޔާތައް ހުއްޓި އަސާސީ ހައްގުތައް ކަށަވަރުވެ، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެ، އަބުރުވެރި ދިރިއުޅުމެއް އުޅެވުން ކަމަށެވެ.
ކުރިއަށް އޮތް އަހަރަކީ ރައްޔިތުންގެ އުންމީދުތައް ހާސިލު ކުރުމަށް ވަރަށް މުހިއްމު އަހަރެއް ކަމަށާއި މާީގެ ތަޖުރިބާއަށް ބަލައި ރައްޔިތުން ތައްޔާރުވުމަށް ގާސިމް ގޮވާލައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ