ރައީސް ނަޝީދުގެ ކެނޑިޑެސީ އިލެކްޝަނުން ބަލައި ނުގަނެފިނަމަ ސުޕްރީމް ކޯޓަށް ހުށަހަޅަނަން: އަސްލަމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީން އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގެންފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 
"ޖަޒީރާ ރައީސް"ގެ ނަމުގައި ރައީސް ނަޝީދުގެ ކެމްޕެއިން ކުރިއަށް ގެންދާއިރު، އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ރައީސް ނަޝީދުއަށް ކުރިމަތި ނުލެއްވޭނެ ކަމަށް ބުނެފައި ނުވާކަމަށެވެ. 
"އިލެކްޝަންސް ކޮމިޝަނަށްވެސް އެންގުންތައް އެންގޭނީ ގާނޫނީ އިމުގެ ތެރެއިން. އެގޮތުން ދަންނަވާލަން އިންތިހާބުތަކާބެހޭ ގާނޫނުގައި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ، އިންތިހާބުތަކަށް ކުރިމަތިލާފައިވާ މީހުންގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމާއި ލިޔެކިޔުންތައް ރަނގަޅުތޯ ބެލުން. އެއީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ބަލަންޖެހޭ ބެލުންތައް، ދެން ދެން ކުރިމަތި ލާފައިވާ މީހެއް ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިނަމަ، ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅުމުގެ ފުރުސަތު ކުރިމަތިލި ފަރާތަށް ލިބިދޭ. ސުޕްރީމް ކޯޓުން އެމައްސަލައާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން،" އަސްލަމް ވިދާޅުވި އެވެ. 
އަސްލަމު ވިދާޅުވީ ކެންޑިޑޭޓުންގެ ކަންތައްތައް ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާ އިރު އޭގެ ބޭރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކެމްޕޭން ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށާއި "ޖަޒީރާ ރައީސް"ގެ ކެމްޕެއިން މުޅި ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށެވެ. ޕްރައިމަރީގެ ވޯޓްލާ ދުވަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޖަޒީރާ ރައީސްގެ ކެމްޕެއިން ޓީމްތައް ދާނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. 
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 30 ގައި ބާއްވަން ނިންމާފައިވާއިރު، ކުރިމަތިލައްވާފއިވަނީ ރައީސް ނަޝީދު އެކަންޏެވެ. 
އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގައި އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް އަންގާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ