ފާރިސް ހައްޔަރު ކުރީ އެއްވެސް ހެއްކެއް ނެތި – މައުމޫން ހަމީދު

ފާރިސް މައުމޫން މިއަދު ހައްޔަރުކޮށްފައި ވަނީ އެއްވެސް ހެއްކެއް ނެތި ކަމަށް އޭނާގެ ޤާނޫނީ ވަކީލް އަލްއުސްތާޛް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ފާރިސް މައުމޫން ހައްޔަރު ކުރުމާއި ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފާރިސް ބަންދުކޮށްފައި ހުންނަތާ 191 ދުވަސް ފަހުން ފާރިސް ދޫކޮށްލިތާ 50 ގަޑިއިރު ތެރޭގައި އަނެއްކާވެސް ބަލައިފާސްކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށާއި ނަމަވެސް ބަލައި ފާސްކޮށްގެން އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް ފާރިސް ހައްޔަރުކޮށްފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ފާރިސް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އޭނާ ހައްޔަރު ކުރާ މައްސަލައިގެ ތަފްސީލްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ 2017 މެއި މަހުގެ މެދެއްހާ ހިސާބުގައި ފާރިސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ޤާނޫނާ ހިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވުމުން ކަމަށެވެ.
ހައްޔަރު ކުރަން ބޭނުންވާ ސަބަބު ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައި ވަނީ 2017 މެއި މަހުގެ މެދެއްހާ ހިސާބުގައި ފާރިސް ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ވައްޓާލުމަށްޓަކައި ޤާނޫނާ ހިލާފަށް މަސައްކަތް ކުރަން ރާވާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ފާރިސް މުޖުތަމަޢަށް ދޫކޮށްފައި ބެހެއްޓުމަކީ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ މައްސަލައިގެ ތަޙްޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މިކަންކަމާއި ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވާ ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި އެހެކި ނައްތާލުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ