ގއ. ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރިއާއި މިސްކިތު ފަންޑު ފޮށި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަަގަށް ނެގި މައްސަލާގައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގެ ތުހުމަތުގައި ރޭ 10:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ކޮލަމާފުށި ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރު އިއްޒަތު އަބްދުﷲ އެވެ.
އިއްޒަތު މިވަގުތު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރާނެ އެވެ.
ކޮލަމާފުށި ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ އިއްޒަތަކީ ކައުންސިލްގެ ތިޖޫރިއާ ހަވާލުވެ ހުންނަވާ މުވައްޒަފު ކަމަށާއި އޭނާގެ އަތުގައި ތިޖޫރީގެ ތަޅުދަނޑިވެސް އޮންނާނެ ކަމަށެވެ. ނަމަވެސް ތިޖޫރީއާއި ކައުންސިލް އިދާރާގައި ބަހައްޓާފައި ހުންނަ މިސްކިތު ފަންޑުގައި ހުރި ފައިސާ ވަގަށް ނަގާފައިވަނީ ތިޖޫރީއާއި ފަންޑު ފޮށި ހަލާކުކޮށްލައިގެން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ތިޖޫރީގައި 141،000 ރުފިޔާ އަދި މިސްކިތު ފަންޑު ފޮށީގައި 7،000 ރުފިޔާ ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން ބޮޑު ބަޔަކީ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދިނުމަށްޓަކައި ތިޖޫރީގައި ބަހައްޓާފައި ހުރި ފައިސާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ނަގާފައި ހުރި ކަން އެނގުނީ އިއްޔެ ހެނދުނު އޮފީސް ހުޅުވުމުން ކަމަށް ކައުންސިލް އިދާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.
ކޮލަމާފުށި ކައުންސިލް އިދާރާގެ ތިޖޫރިގައިހުރި ފައިސާ ވަގަށްނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ