މައުމޫން ޖަލަށް ވަޑައިގަންނަވަން ޖެހޭތީ އެމްޑީޕީން އުފާކުރާނެ: ނިހާން

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން، ފާރިސް މައުމޫން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ އިދިކޮޅު އެމްޑީޕީން މިއަދު އުފާ ކުރާނެ ކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ.ޗެނަލް13އާއި ވާހަކަ ދައްކަވަމުން، ނިހާން ވިދާޅުވީ، ފާރިސް މައުމޫން ޖަލުގައި ހުންނެވީތީ ކުރީގެ ރައީސް މައުމޫން ފާރިސްއާއި ބައްދަލު ކުރެއްވުމަށް ޖަލަށް ވަޑައިގަތުމަކީވެސް އެމްޑީޕީގެ ލީޑަރޝިޕުން އެކަމާ އުފާ ކުރާނެ ކަމަށެވެ. އަދި އެމްޑީޕީން ބޭނުންވަނީ ކޮންމެވެސް ސިފައެއްގައި ވިޔަސް މައުމޫން ޖަލަށް ވަޑައިގަންނަވާ މަންޒަރު ދެކެން ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.ނިހާން އިތުރަށް ވިދާޅުވީ، އެމްޑީޕީން ކުރީގެ ރައީސް މައުމޫނަށާއި މައުމޫންގެ އާއިލާއަށްވެސް ދުވަހަކުވެސް ހެވެއް ނޭދޭނެ ކަމަށެވެ. އެގޮތުން މިއަދު ކުރީގެ ރައީސް މައުމޫނާއި އެމްޑީޕީއާއި ދެމެދު ގާތް ގުޅުމެއް އޮތް ކަމަށް އެމްޑީޕީން ބުނި ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށްވެސް ނިހާން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަން ކޮންމެ ވަގުތެއްގައިވެސް ނިމުމަކަށް އަތުވެދާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ، ނަޝީދު ވިދާޅުވި ގޮތަކަށް ދުވަހަކުވެސް ކަމެއް ވެފައި ނުވާ ކަަމަށެވެ. އެގޮތުން މިހާތަނަށްވެސް ނަޝީދު ވިދާޅުވި ގޮތަށް ހިނގި ހަމައެކަނި ކަމަކީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު ނަޝީދު ވެރިކަމުގެ ހުވާކުރެއްވުން އެކަނި ކަމަށް ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ