ކަރަންޓް ބިލްތަކުން 10 އިންސަތައާއި 15 އިންސަތައާއި ދެމެދައް އަގުހެޔޮކޮށްފި

މާލެއާއި ރާއްޖޭގެ ހުރިހާ ރަށްތަކަށް ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދެމުންދާ ކަރަންޓްގެ އަގު ހެޔޮކޮށްފިއެވެ. މިމަހުން ފެށިގެން ކަރަންޓް ބިލްތަކުން ދިހައެއް އިންސަތައާއި 15 އިންސައްތައާއި ދެމެދުގެ މިންވަރަކަށް އަގުހެޔޮވެގެންދާނެކަމަށް ކަރަންޓް ފޯރުކޮށްދެމުންދާ ސްޓެލްކޯއާއި، ފެނަކައިން ބުނެފިއެވެ.ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާގެ ދަށުން ރައްޔިތުންނަށް ލުއި ފަސޭހަ ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ކުރަމުން ދާ މަސައްކަތުގެ ދަށުން ރާއްޖެ އެތެރެކުރާ ތެލުގެ ބާވަތްތަކުން ނަގާ ޑިއުޓީ ފަހެއް އިންސަތަ އަށް ވަނީ ކުޑަކޮށްފައެވެ. ޕެޓްރޯލް އާއި ޑީސަލް ވިއްކަމުން ދިޔަ އަގުތަކާއި ރޭޓްތަކައް ވަނީ ބަދަލު ގެނެސް އެ އަގުތައް މިހާރުވަނީ އިއުލާނުވެސްކޮށްފައި. ތެލުގެ އަގަށް އައި ބަދަލާއެކު ސަރުކާރުން ފޯރުކޮށްދެމުންދާ ކަރަންޓްގެ އަގު ހެޔޮކުރުމަށް ނިންމާ މިއަދު ދިވެހި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަރަޔަމަންޓް މިނިސްޓަރ ތޯރިޤް އިބްރާޙިމް ވިދާޅުވީ އެސްޓީއޯއިން ވިއްކާ ތެލުގެ ބާވަތްތައް ކުޑަ ކުރުމާއި ގުޅިގެން ޔުޓިލިޓީ ކުންފުނިތަކުން ދޭ ކަރަންޓުގެ ޙިދުމަތުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިމަހުން ފެށިގެން ކަރަންޓް ބިލްތަކުން ދިހައެއް އިންސަތައާއި 15 އިންސަތައާއި ދެމެދުގެ އަގަކަށް ހެޔޮކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް. އަދި ތެލުގެ އަގު ހޮޔުކުރުމާއެކު މަސްވެރިންނަށްވެސް ވަރަށް ބޮޑު ފައިދާއެއް ވެގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ، ތެލުގެ ޑިއުޓީ 5 އިންސަތައަށް ކުޑަ ކުރި ނަމަވެސް، ގައުމަށް ވަންނަ އަމްދަނީ އަކަށް ބަދަލްއެއް ނާންނާނެ ކަމަށެވެ. އެގޮތުން ތެލުގެ އަގު ހެޔޮ ވުމުން އުފެންދުންތެރިކަމުގެ ނިސްބަތް އިތުރުވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ތެލުގެ ޑިއުޓީގެ ބަދަލާއެކުވެސް ފިއުލް ސާޖާޖްއަކަށް ބަދަލެއެއް އައިސްފައިނުވާކަމަށެވެ.ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދަކަމުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ލަތީފް ވިދާޅުވީ، ސުޓެލްކޯގެ އެންމެ މައިގަނޑު އެއް މަގްސަދަކީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަރަންޓްގެ އަގު ވީހާވެސް ކުޑަކުރުންކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ތެލުގެ އަގަށް އަންނަ ބަދަލާއެކު އަގު ހެޔޮވެގެންދާނެކަމަށެވެ. މިހާރު މާލެ އިތުރުން ރާއްޖޭގެ 30 ރަށަކަށް ސްޓެލްކޯއިން ކަރަންޓް ފޯރުކޮށްދެމުންދެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ތެލުގެ އަގު ހެޔޮކުރުމާއެކު އެކުންފުނިންވެސް ފޯރުކޮށްދޭ ކަރަންގެ އަގު ހެޔޮކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ އުފާވެރި ޚަބަރުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ބަދަލާއެކު ޑީސަލް ލީޓަރެއް މިހާރު ވިއްކަމުންދަނީ 8 ރުފިޔާ 44 ލާރިއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުންދަނީ 8 ރުފިޔާ 65 ލާރިއަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ