ރައީސް މައުމޫން މިނިވަން ކުރުމަށް ދުންޔާ އިންޑިއާގެ އެހީއަށް އެދިއްޖެ

ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މިނިވަން ކުރުމަށް ދުންޔާ މައުމޫން އިންޑިއާގެ އެހީއަށް އެދިވަޑައިގެންފިއެވެ.
ދުންޔާ އިންޑިއާގެ އެހީއަށް އެދިވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރެއްގައި އެ ގައުމުގައި ހުންނަވައިގެން ޑެކަން ކްރޮނިކަލްސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް 30 އަހަރު އެ ގުޅުން ދަމަހައްޓާ ދިނީ ރައީސް މައުމޫން ކަމަށާއި ރައީސް މައުމޫން މިނިވަން ކުރުމަށް ކުރެވެމުންދާ މަސައްކަތަށް ތާއީދުކޮށް އެހީތެރިވެދިނުމަށް ދުންޔާ ގޮވާލައްވާފައިވެއެވެ.
ރާއްޖޭގައި ޑިމޮކްރަސީގެ އެކްސްޕެރިމެންޓު ފެއިލްވަމުންދާ ކަމަށާއި ގައުމުގެ މުސްތަގުބަލު ކަށަވަރު ނުވާ ކަމަށް ވެސް ދުންޔާ ވިދާޅުވެފައިވެއެވެ.
އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ނަމަވެސް އެހީތެރިކަން ބޭނުންވެ ވަޑައިގަންނަވަނީ އެޑްވައިޒަރީ ލެވެލްގައި ކަމަށް ދުންޔާ ވިދާޅުވެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓުގައި ފުރަތަމަ ހާރިޖީ ވަޒީރުކަން ވެސް ކުރެއްވި ދުންޔާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. ނަމަވެސް ފަހުން އެމަގާމުން ވެސް އިސްތިއުފާ ދެއްވީއެވެ.
ދުންޔާ ބަސްދީގަތުމުގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ފެބުރުއަރީ މަހަށް ފަހު ހިނގާ ދިޔަ ކަންތައްތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބައްޕާފުޅު ރައީސް މައުމޫނާއި އެ އާއިލާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ