ސިފައިންނާއި ފުލުހުންނަށް އަބަދުވެސް އިތުބާރު ކުރައްވާކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ

ގައުމުގެ ސިފައިންނާއި ފުލުހުންނަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށާއި އިތުބާރުވެސް އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފުލުހުންނާއި ސިފައިންގެ ތެރެއިން މަދުބައެއްގެ އަމަލުތަކަށް ފާޑުކިޔުން އާއްމުންގެ ތެރޭގައި އިތުރުވެފައިވާ ވަގުތެއްގައި އޮނަރަބަލް ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފުލުހުންނާއި ސިފައިންނަށް އެމަނިކުފާނުގެ ގިތްޕުޅުގައި ގައުމީ ފުން ލޯތްބެއް އުފެދިފައިވާ ކަމަށެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ގާނޫނާއި ޚިލާފު އަމަލުތައް ހިންގާ މަދުބަޔަކު ތިބެދާނެ ކަމަށާއި އެގޮތުން އެ ދެ މުވައްސަސާގައިވެސް އެކަހަލަ ބަޔަކު ތިބެދާނެ ކަމަށެވެ.
އެގޮތަށް އެކަންއޮތަސް ގާނޫނު ނެގެހެއްޓުމުގައި އެ ދެމުވައްސަސާގެ ސާބިތުކަން ހިތުގެ އަޑީން ޔަގީން ކުރައްވާ ކަމަށްވެސް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެފައިވެއެވެ.
އޮނަރަބަލް ގާސިމް އިބްރާހީމަކީ ރާއްޖޭގެ ސިޔާސީ މަސްރަހު ކިތަންމެ ބަނަވިޔަސް ފުލުހުންނާއި ސިފައިންނަށް ދުވަހަކުވެސް ފާޑު ވިދާޅުވި ބޭފުޅެއް ނޫނެވެ. އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ގާސިމް އަބަދުވެސް ދެއްވާ ނަސޭހަތަކީ އެ ދެ މުވައްސަސާއަށް އިހުތިރާމް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ