ދެހާސްތޭރަވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އަންނާނެ ބޭފުޅަކު އިންތިހާބު ކުރުމަށް ނެގި ވޯޓުން އިންތިހާބު ކާމިޔާބު ކުރީ ސުޕްރީމް ކޯޓު ކަމަށާއި އަދި އެވެރިކަން ދަމަހައްޓައި ދިނީ ވެސް ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުޕްރީމް ކޯޓަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގު ކުރި ފެހި ގާނޫނު އަސާސީން ދިވެހިން ބޭނުންވީ މައިގަނޑު ތިން ކަމެއް ކަމަށެވެ. އެއީ ރިޔާސަތެއް އެކުލަވާލުމާއި ސަރުކާރު ޖަވާބުދާރީ ކުރުވާއި އަދި ގާނޫނު ހަދާ މަޖިލީހެއް އެކުލަވާލުމުގެ އިތުރުން އިންސާފުވެރި ފަނޑިޔާރު ގެއެއް އެކުލަވާލުން ކަމަށެވެ.
ދެހާސްއަށްވަނަ އަހަރު ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް ބޭއްވުމަށް ފަހު ރައްޔިތުން ބޭނުންވި ފަރާތާއި ވެރިކަން ހަވާލު ކުރެވިގެން ދިޔަ މަންޒަރު ފެނިގެން ދިޔަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އަދި އޭގެ ފަހުގައި ކަން ހިނގައިގެން ދިޔަ ގޮތް ދިވެހި އެންމެހާ ރައްޔިތުންނަށް ވެސް ފެނިގެން ގޮސްފައި ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ދެހާސްތޭރަވަނަ އަހަރު ދިވެހިން އަނެއްކާ ވެސް ނިކުތީ އެމީހުންގެ ވެރިކަން ހަމަޖެއްސުމަށް. ދެކެވޭ ގޮތަކީ އެ އަހަރުގެ އިންތިހާބު ކާމިޔާބު ކުރީ ސުޕްރީމް ކޯޓު ކަމަށް. އަދި އެ ވެރިކަން ދެމެހެއްޓީ ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް. އެފަހަރު ދިވެހިންގެ އުއްމީދުތަކަށް އެޅުނު ހުރަހާއި އަދި އެ ހުރަސް އެޅުމުގައި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު ޝާމިލުވި މިންވަރާއި އަދި އެކަން އެގޮތަށްވީ ނަމަވެސް ދިވެހިން އެއްގޮތަކަށް ވެސް ގޮތްދޫ ކުރުމަށް ފަހަށް ނުޖެހުމަށް ބޭނުންވާ ކަމުގެ އެންމެ ބޮޑު ދަލީލަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނަތީޖާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ކޯޓުތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ ވެރިކަން ދަމަހައްޓަމުންދާ ދިއުމުގައި ހިނގާނެ ކަންކަން މިހާރު ވަނީ ފާއިތުވެގެން ގޮސްފައި ކަމަށެވެ. އެގޮތުން ވައްކަމާއި ފަސާދަ އާއި ބޭއިންސާފާއި އަނިޔާވެރިކަން އާއްމުވެފައި އޮތީ ކޯޓުތައް ބޭނުން ކޮށްގެން ވެރިކަން ކުރި ޒަމާނުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ދެވަނަ ފަހަރަށް އުފެދިގެން ދިޔައީ ދިވެހިން، ދިވެހިންގެ ކަންކަން އިސްލާހު ކުރަން ބޭނުންވާލެއް ބޮޑުކަމުން ކަމަށެވެ.
"ގާނޫނު އަސާސީން ވަނީ ތިންބާރު ވަކި ކޮށްދީފައި. ވަކި ކޮށްދީފައިވާ ބާރުތައް އެއްބާރު އަނެއް ބާރުގެ ތެރެއަށް ވަދެގެން ނުވާނެ. އަދި މުޅި ނިޒާމު ނުއަތަށް އެނބުރީމާ ދެން ފައްކާ ކޮށްފައި މިވާ ނިޒާމު އެގައުމުގެ އެ މުޖުތަމައުއެއްގެ ރައްޔިތުންނަށް ކުރާ އަނިޔާގެ އަސަރު އަޅުގަނޑުމެންގެ ރާއްޖެއިން ދާދި ފަހުން ފެނިގެން މި ދިޔައީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު ވަނީ އެކޯޓުގެ އިމުން ބޭރަށް "ދެދޮޅަހަކަށް" ފަހަރު ބޭރުވެފައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް ސުޕްރީމް ކޯޓު ބޭރުވެގެން ދިޔަ ކޮންމެ ފަހަރަކު އެންމެ ބޮޑު ގެއްލުމެއް ލިބިގެން ދިޔައީ ރާއްޖޭގެ ވެރިކަމަށް ކަމަށެވެ. ރާއްޖޭގެ ވެރިކަމަކީ ދިވެހި ރައްޔިތުންގެ ފަރާތުން އަންނަ ވަކިވަކި ހައްގުތަކެއް ކަމަށާއ ވެރިކަމަށް އަންނަ ކޮންމެ ލޮޅުމެއްގެ ހިތްދަތިކަން ދިވެހި ރައްޔިތުން ތަހައްމަލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޔާމީނަށް ވެރިކަން ދިނީ ސުޕްރީމް ކޯޓުން، ވެރިކަން ދަމަހައްޓަ ދިނީވެސް ހަމަ އެ ކޯޓުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ