ރިޟްވާންގެ މައްސަލަ އިން އެމްޑީޕީއަކީ ދޮގުހަދާ ބައެއްކަން ހާމަވެއްޖެ - އުމަރު

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލަ އިން އެމްޑީޕީ ވަރަށް ބޮޑަށް ބޭޒާރުވެ، ދޮގުހަދާ ބައެއްކަން ހާމަވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު މަރުތަކާއި ބެހޭ ކޮމިޝަން އިން ވަނީ ރިޟްވާން ގެއްލުނު މައްސަލާގައި ވަރަށް ތަފްސީލީ މައުލޫމާތުތަކެއް އާއްމުކޮށްފައެވެ. އެ މައުލޫމާތުތަކަކީ އެ ކޮމިޝަނުން "އަލަށް ހޯއްދެވި ކަންކަމެއް ނޫން" ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ކުރިންވެސް ވިދާޅުވެފައެވެ.
އުމަރު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރިޟްވާން ގެއްލުނު މައްސަލައިގައި އެމްޑީޕީ ވަރަށް ބޮޑަށް ބޭޒާރުވެ އަދި ދޮގުހަދާ ބައެއްކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ، ފަސް އަހަރުވަންދެން އެމްޑީޕީން ރައްޔިތުންނަށް ބުނުނެދެމުން ގެންދިޔައީ ރިޟްވާން ވަގަށް ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށާއި އޭނާ އަކީ ނޫސްވެރިއަކަށް ވުމުން ކޮންމެވެސް ބޮޑު މައުލޫމާތެއް އޭނާ އަށް ލިބިގެން އެކަން ފޮރުވަން ޔާމީން ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވިއެވެ.
" އެމްޑީޕީގެ ބޭފުޅުން މި ވާހަކަ އެކި ޕޯޑިއަމްތަކުގައި ދެއްކެވިއިރު ހީވީ، މި ބޭފުޅުންގެ ވެރިކަން ފެށި ދުވަހު، އުނދެލި ހިފައިގެން އެމްޑީޕީގެ އިސްބޭފުޅުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެ، އެގޭ ގޯތިތެރެ ކޮނެގެން ރިޟްވާންގެ ކަށިގަނޑު ނަގާ އާންމުންނަށް ދައްކާނެ ކަމަށެެވެ." އުމަރު ވިދާޅުވިއެވެ.
އެހެން ނަމަވެސް މި ސަރުކާރަށް އަށް މަސް ވަންދެން ތަހުގީގު ކުރުމަށްފަހު ކުރީ ސަރުކާރުން ހޯދި މައުލޫމާތު ނޫން އެހެން މައުލުމާތެއް ނުފެނުނު ކަމަށާއި، އަދި ލަދުވެތިކަމާއެކު ބުނަން ޖެހުނީ "އަޅުގަނޑު އަބަދުވެސް ބުނަމުން އައި ގޮތަށް، ރައީސް ޔާމީން އާއި އެއްވެސް ގުޅުމެއް ނެތޭ އަދި ރިޕޯޓަރަކަށް ވުމާއިވެސް އެއްވެސް ގުޅުމެއް ނެތޭ". އުމަރު ވިދާޅުވިއެވެ.
އިތުރަށް އުމަރު ވިދާޅުވީ، އަށް މަސް ފަހުން ތައްޔާރު ކުރި ރިޕޯޓްގައި އެއްވެސް ކަމެއް ނެތްއިރު، މި ފެނިގެން ދިޔައީ ރައީސް ސާލިހުއަށް އެ ރިޕޯޓް އެރުވުމުގެ ބަދަލުގައި މަޖިލީސް ރައީސް އަށް ރިޕޯޓް އެރުވި ތަން ކަމަށެވެ.
"ޑީޕް ސްޓޭޓް އެއް ނޫން ޑަބަލް ސްޓޭޓް އޮތީމަ ހުސްނުއް ސުއޫދަށް ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން އޮޅުނީ ކަމަށް ވެދާނެ". އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ