އަފްޣާން އިންތިހާބުން ޣަނީ އާއި އަބްދުﷲ ވެސް ކާމިޔާބީ އިއުލާންކުރައްވައިފި

ކާބުލް (އޮކްޓޯބަރު 1): އަފްޣާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ރައީސް އަޝްރަފު ޣަނީ އާއި ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ވެސް ކާމިޔާބީ އިއުލާން ކުރައްވައިފި އެވެ. އަފްޣާން އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނެ ކަމަށް ބެލެވެނީ މިމަހުގެ 19އިގަ އެވެ. އަދި އިންތިހާބަށް ކުރިމަތިލި 13 ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ނުލިބޭ ނަމަ، އެންމެ ގިނައިން ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި އިތުރު ރައުންޑެއް ބާއްވާނެ އެވެ. ނަމަވެސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުﷲ ވަނީ ރިޔާސީ އިންތިހާބުން އެންމެ ގިނަ ވޯޓު ލިބުނީ އޭނާއަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބު އިތުރު ރައުންޑަކަށް ނުދާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ޣަނީގެ ރަނިންމޭޓް އަމްރުﷲ ސާލިހު ވަނީ އިންތިހާބު ކާމިޔާބު ކުރެއްވީ ޣަނީ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ 60 އާއި 70 ޕަސެންޓާ ދެމެދުގެ ވޯޓު ކާމިޔާބުކޮށްފައި ކަމަށް ވިދާޅުވެފަ އެވެ. މީގެ ކުރިން 2014 ވަނަ އަހަރުވެސް ޣަނީ އާއި އަބްދުﷲ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު އިންތިހާބުގެ ނަތީޖާއާ ބެހޭ ގޮތުން ދެބަސްވުން އުފެދުނެވެ. އަދި އެންމެފަހުން ދެ ބޭފުޅުން ނިންމީ ބާރުތައް ހިއްސާ ކުރާ ސަރުކާރެއް އެކުލަވާލާށެވެ. އަފްޣާން އިލެކްޝަން ކޮމިޝަން (އައިސީ)އިން ވަނީ ދެ ކެންޑިޑޭޓުން ރިޔާސީ އިންތިހާބުން ކާމިޔާބީ އިއުލާން ކުރެއްވުން ކުށްވެރިކޮށްފަ އެވެ. އަދި ގާނޫނުތަކުގައިވާ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރި މީހަކު ނިންމުގެ ހައްގު ލިބިގެން ވަނީ އެ ކޮމިޝަނަށް ކަމަށް ބުނެފަ އެވެ. އައިއީސީން ލަފާ ކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓު ލާފައި ވަނީ އެގައުމުގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 9.6 މިލިއަން މީހުންގެ ތެރެއިން އެންމެ 25 ޕަސެންޓު މީހުންނެވެ. އެގައުމުގައި ވޯޓު ލީ މީހުންގެ އަދަދު އެހާވަރަށް މަދީ ތާލިބާން ޖަމާއަތުން ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އަފްގާނިސްތާނުގައި މިހާރު އޮތީ ސައްހަ ނޫން ސަރުކާރެއް ކަމަށް ބުނާ ތާލިބާނުން ވަނީ އެ އިންތިހާބަށް ހުރަސް އަޅަން ހަމަލާތައް ދޭނެކަމަށް މީގެ ކުރިން ބުނެފައެވެ. އަދި އިންތިހާބު ބޭއްވުމުގެ ކުރިން އެ ޖަމާއަތުން މިދިޔަ މަހު ދިން ހަމަލާތަކުގައި އެކަނިވެސް 900އަށް ވުރެ ގިނަ މީހުން މަރުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ