ދެން އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީ އިން ކެންޑިޑޭޓަކު ނެރޭނެ - ގާސިމް އިބްރާހީމް

2023 އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކެންޑިޑޭޓަކު ނިކުންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީއާ އަލަށް ގުޅުނު މެމްބަރުން ސޮއިކުރުމަށް އާދިއްތަ ދުވަހު ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ގާސިމް ވިދާޅުވީ، މިހާތަނަށް ޖޭޕީގެ ބައިވެރިވުން ނެތި ސަރުކާރެއް އިންތިހާބު ކޮށްފައިނުވާއިރު ކޮންމެ ފަހަރަކު ސަރުކާރެއް އިންތިހާބު ކުރުމަށްފަހު މެދުވެރިވެގެން އަންނަ ކަންތައްތަކާއި މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށާއި، ރައްޔިތުން ކުރާ އުއްމީދުތައް ހާސިލްކުރެވޭނީ، ތިން ބަޔަކު އިންތިހާބެއްގައި ވާދަކޮށްގެން ކަމަށެވެ.
ގާސިމް ވިދާޅުވީ ޕާޓީ ފުޅާކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއި އެކު ކުރިޔަށްދާ ކަމަށާއި، އެގޮތުން އެ ޕާޓީގެ ގޮތްޕެއް ކޮންމެ ރަށެއްގައި އުފެއްދުމާއި، ދާއިރާގެ ރައީސުންނާއި ނައިބް ރައީސުން ހޮވުމުގެ އިތުރުން ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްްކަތް ކުރިޔަށްދާ ކަމަށެވެ.
ޖޭޕީގެ ތަސައްވަރަކީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި ޕާޓީ އަށް 30،000 މެމްބަރުން ހަމަކުރުން ކަމަށް ފާހަގަކޮށް ގާސިމް ވިދާޅުވީ ސިޔާސީ ގޮތުން ކުރިޔަށްދާން އެންމެ ފަހި ފުރުސަތުތަކެއް އޮތް ހަމައެކަނި ޕާޓީ އަކީ ޖުމްހޫރީ ކަމަށެވެ.
ޖޭޕީގެ ލީޑަރ ކަމުގެ އިތުރުން ގާސިމް އިބްރާހީމް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުންނެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ