ރާއްޖޭގެ ބަށިބޯޅަ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންޓަ ސްކޫލް ބަށިބޯޅަ މުބާރާތެއް މިއަހަރު ބާއްވަން ނިންމައިފި އެވެ.
'ސަން'އަށް މައުލޫމާތު ދެއްވަމުން ބަށިބޯޅަ ފައުންޑޭޝަންގެ ރައީސާ ޝިޔާމާ އަހުމަދު މިއަދު ވިދާޅުވީ، މިއީ ރާއްޖޭގައި އަދި މިހާތަނަށް ބޭއްވޭ ފުރަތަމަ ޒަމާނީ އިންޓަ ސްކޫލް ބަށިބޯޅަ މުބާރާތް ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން މިއަހަރުގެ އެކެޑެމިކް ކަލަންޑަރުގައި ރަސްމީކޮށް އެ މުބާރާތް ހިމަނާފައި ވާކަމަށެވެ.
ޝިޔާމާ ވިދާޅުވީ، އެ މުބާރާތް ބާއްވަން ހަމަޖެހިފައިވާ ތާރީހަކީ ފެބްރުއަރީ 23 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 12 ވަނަ ދުވަހު ސްކޫލްތަކަށް ރަސްމީކޮށް ސިޓީ ފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ރަސްމީކޮށް ސްކޫލްތަކުގެ މެދުގައި ބަށި މުބާރާތެއް ބޭއްވިގެންދާ ފުރަތަމަ ފަހަރު. އަދި މިއަހަރުގެ އެކެޑެމިކް ކަލަންޑަރުގައި އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ މި މުބާރާތް ހިމަނައިދެއްވާފަ. އަޅުގަނޑުމެން އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 'ޒަމާނީ މަދަރުސާތަކުގެ ބަށިބޯޅަ މުބާރާތް' އެ ނަމުގައި. އެއީ މީގެ ކުރިންވެސް އެ ނަން ބޭނުން ކުރެވިފައި ވާތީ، ބަށިބޯޅައަކީ ރާއްޖޭގައި އުފެދުނު ސަގާފި ކުޅިވަރަކަށް ވުމުން އެ ސަގާފަތް ދެމެހެއްޓުމުގެ ބޭނުމުގައި،" ޝިޔާމާ ވިދާޅުވި އެވެ.
ޝިޔާމާ ވިދާޅުވީ، އެ މުބާރާތް ބާއްވަން ވާންޖެހޭ ތައްޔާރީތައް މިހާރު ބަށިބޯޅަ ފައުންޑޭޝަނުން ކުރިއަށް ގެންދާ ކަމަށާއި، އެ މުބާރާތް ބޭއްވުމަށް ހެންވޭރު ދަނޑު ލިބޭތޯ މިހާރު ޔޫތު މިނިސްޓްރީގައި އެދިފައި ވާނެ ކަމަށެވެ. އަދި އޭގެ އިތުރުން ބަށިބޯޅަ ފައުންޑޭޝަންގެ ގައިވައިދުތަކާއި މުބާރާތުގެ ގަވައިދުތައް ސްކޫލްތަކަށް ފޮނުވާނެ ކަމަށާއި، އެ މުބާރާތް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއްގައިވެސް ބަށިބޯޅަ ފައުންޑޭޝަނުން ސްކޫލްތަކަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރު ކޯށްދޭނެ ކަމަށް ޝިޔާމާ ވިދާޅުވި އެވެ.
މިއަހަރުގެ އިންޓަ ސްކޫލް ބަށިބޯޅަ މުބާރާތުގެ އިތުރުން ޝިޔާމާ ވިދާޅުވީ، މި އަހަރު މުޅިން އަލަށް ބަށިބޯޅައަށް ހާއްސަ ކުރެވިފައިވާ ޔުނިފޯމެއްވެސް ތައާރަފް ކުރެވިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބަށިބޯޅަ ފައުންޑޭޝަންގެ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ކުޅިވަރަށް ޔުނީފޯމެއް ތައާރަފް ކޮށްފައި ނުވަނީ ބަށިބޯޅަ ފައުންޑޭޝަން އުފައްދައި އެ ފައުންޑޭޝަންގެ ގަވައިދުތަކާއި ބަށިބޯޅައިގެ ގަވައިދުތަކަށް ކުޅުންތެރިން އަހުލުވެރިވުމަށް ވަގުތު ދިނުމުގެ ބޭނުމުގައި ކަމަށާއި، ނަމަވެސް މިފަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި ޓީމްތައް ވާދަކުރާނީ ބަށިބޯޅަ ފައުންޑޭޝަނުން އެ ކުޅިވަރަށް ހާއްސަކޮށްފައިވާ ޔުނީފޯމެއްގައި ކަމަށެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންޓަ ސްކޫލް ބަށިބޯޅަ މުބާރާތެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ